ޚަބަރު

ޕާކިސްތާނުގެ އަސްކަރީ ހެލިކޮޕްޓަރެއް ވައްޓާލައިފި


ޕާކިސްތާނުގެ ހުޅަނގު ދެކުނުގައިވާ ބަލޮޗިސްތާން ޕުރޮވިންސުގައި ހަރަކާތްތެރިވަމުން ދިޔަ އެ ޤައުމުގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް ވައްޓައިލައިފިއެވެ. މި ހެލިކޮޕްޓަރު ވައްޓައިލާފައި ވަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ހަތިޔާރު އެޅި ޖަމާޢަތަކުން ދިން ހަމަލާއެއްގައެވެ.

ހެލިކޮޕްޓަރު ވައްޓައިލާފައި ވަނީ، ވާރޭވެހި ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުން ދަނިކޮށެވެ. މި ހާދިސާގައި ހެލިކޮޕްޓަރުގައި ދަތުރު ކުރަމުން ދިޔަ ހަ ސިފައިން މަރުވިއެވެ. މީގެ ތެރޭގައި ޕާކިސްތާނުގެ އަސްކަރީ އިސް ކޮމާންޑަރެއް ވެސް ހިމެނެއެވެ.

ނަމަވެސް، ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ހަތިޔާރު އެޅި ޖަމާޢަތަކުން ދިން ހަމަލާއެއްގައި ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކޮށްފައެވެ. އަސްކަރިއްޔާއިން ބުނީ، ހެލިކޮޕްޓަރު ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމުގައެވެ. މި ހާދިސާގައި އަސްކަރިއްޔާގެ 12 ކޯގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް ޝަރްފާޒް ޢަލީ މަރުވެފައިވާ ކަން އަސްކަރިއްޔާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

ބަލޮޗިސްތާނަކީ ގޭހާއި މައުދަނީ ގޮތުން މުއްސަނދި ސަރަޙައްދެކެވެ. އަދި، ޕާކިސްތާނުގެ ސަރުކާރާ ދެކޮޅު ހަތިޔާރު އެޅި ގިނަ އަދަދެއްގެ ޖަމާޢަތްތައް އެ ސަރަޙައްދުގައި ހަރަކާތްތެރިވެއެވެ. މީގެ ތެރެއިން ހެލިކޮޕްޓަރު ވައްޓައިލުމަށް ދިން ހަމަލާގެ ޒިންމާ އުފުލާފައި ވަނީ ބަލޮޗް ރާޖީ އައޯޖީ ސަންގަރް ކިޔާ ޖަމާޢަތަކުންނެވެ.