ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ސައުތު މާލެ ޒޯނުގައި ހާޑް ރޮކް މޯލްޑިވްސް އާއި ބޮލިފުށި އުނދަގޫ މޮޅެއް ހޯދައިފިއެވެ.
ކްރޮސްރޯޑްސްގައި މި މުބާރާތް ކުރިޔަށްދަނީ ޖުމްލަ 11 ޓީމާއެކުއެވެ. މި މުބާރާތް މި ޒޯނުގައި ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.
މާލެ އަތޮޅުގެ ދެކުނު ބިތަށް ނިސްބަތްވާ ރިސޯޓުތަކަށް ހުޅުވާލައިގެން މި މުބާރާތް ކުރިޔަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.
މުބާރާތުގެ އަންގާރަ ދުވަހު ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ގްރޫޕް ސީގައި ހިމެނޭ ހާޑް ރޮކް މޯލްޑިވްސް ކާމިޔާބުކޮށްފައިވަނީ ކޯމޯ ކޮކޯއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ހާޑް ރޮކްގެ ދެ ލަނޑުގެ ޖެހީ އަހުމަދު މަޝީދާއި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މުޙައްމަދު ހާޒިމް ރިފްއަތެވެ. އަދި މެޗުގައި ކޯމޯ ކޮކޯގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަނީސް އަލީއެވެ.
މީގެ އިތުރުން އަންގާރަ ދުވަހުގެ ހަވީރު ގްރޫޕް އޭގައި ހިމެނޭ ބޮލިފުށި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވަނީ އޯޒެން ލައިފް މާދޫއާ ވާދަކޮށް 3-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ބޮލިފުށީގެ ތިން ލަނޑު ކާމިޔާބުކުރީ މުޙައްމަދު ރަޝީދާއި ޒިދާން އަބްދުލް ޢަނީގެ އިތުރުން މުޙައްމަދު މުނައްވަރެވެ. އަދި މާދޫގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ މުޙައްމަދު އައްޒާމެވެ.
ސައުތު މާލެ ޒޯނުގެ އެންމެފަހުގެ ޗެމްޕިއަނުންނަކީ ކަނޑޫމާއެވެ. އެންމެފަހުން މި ޒޯނުގައި މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރުގައެވެ. ރިސޯޓު ލީގުގެ ސައުތު މާލެ ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހެވެ.