ޚަބަރު

ޗައިނާގެ ދިރާސާ ކުރާ އުޅަނދު އަންނަނީ ތެޔޮ އަޅަން: ލަންކާ


ޗައިނާގެ އަސްކަރިއްޔާގެ ދިރާސާ ކުރާ އުޅަނދެއް ސްރީލަންކާއަށް ދަތުރު ކުރަމުންދާތީ އިންޑިޔާއާއި ޗައިނާއާ ދެމެދު ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި، އެ އުޅަނދު ސްރީލަންކާގައި ބަނދަރު ކުރަނީ ހަމައެކަނި ތެޔޮ އެޅުމުގެ ބޭނުމުގައި ކަމަށް ސްރީލަންކާއިން ބުނެފިއެވެ.

ސްރީލަންކާއިން މި ކަން ހާމަކޮށްފައި މި ވަނީ، އުޅަނދުގެ ދަތުރާ ގުޅިގެން އިންޑިޔާއިން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ކަމާ ގުޅޭ ގޮތުން އިންޑިޔާއިން ބުނެފައި ވަނީ އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، އިންޑިޔާގެ މަސްލަހަތު ހިމާޔަތް ކުރުމަށް އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް އެޅުމުގައި އެ ޤައުމުން ފަސް ނުޖެހޭނެ ކަމުގައެވެ.

ޔުއާން ވަންގް 5 ގެ ނަން ދީފައިވާ ޗައިނާގެ ދިރާސާ ކުރާ އުޅަނދު އޮގަސްޓު މަހުގެ 11 ވަނަ ދުވަހު ހަމްބަންޓޯޓާގައި ބަނދަރު ކުރާނެ ކަމަށް ބެލެވެއެވެ. އެ އުޅަނދުގެ ދަތުރުގެ ބޭނުމަކީ، އިންޑިޔާ ކަނޑު ހުޅަނގާއި އިރުމަތީގެ ބައެއް ސަރަޙައްދުގައި ދިރާސާތަކެއް ހެދުން ކަމުގައި ސްރީލަންކާގެ ކުންފުންޏަކުން ކުރިން ވަނީ ބުނެފައެވެ.

ނަމަވެސް، ސްރީލަންކާގެ ކެބިނެޓުގެ ތަރުޖަމާނު ބަންޑުލަ ގުނަވަރްދަނަ ވަނީ މި ކަން ދޮގު ކުރައްވާފައެވެ. އެ އުޅަނދު ހަމްބަންޓޯޓާގައި ބަނދަރު ކުރާނީ ހަމައެކަނި ތެޔޮ އެޅުމުގެ ބޭނުމުގައި ކަމަށާއި، އެއަށްފަހު އެ އުޅަނދު ފުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، މި އުޅަނދުގެ ދަތުރާ ގުޅިގެން ސްރީލަންކާއާއި އިންޑިޔާއާ ދެމެދު އުފެދިފައިވާ ނުތަނަސްކަން ހައްލު ކޮށްދޭން، ސްރީލަންކާއިން މަސައްކަތް ކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ސްރީލަންކާގެ ދެކުނުގައި އޮންނަ ހަމްބަންޓޯޓާ ބަނދަރަކީ ޗައިނާއިން ބިނާކޮށްދީފައިވާ 1.5 ބިލިޔަން ޑޮލަރުގެ އަގުހުރި ބަނދަރެކެވެ. ބަނދަރު ތަރައްޤީ ކުރުމަށް ޗައިނާއިން ނެގި ދަރަނި ދެއްކުމަށް ނުކުޅެދުމުން ސްރީލަންކާއިން 2017 ވަނަ އަހަރު ވަނީ އެ ބަނދަރު ޗައިނާގެ ކުންފުންޏަކަށް 99 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޫކޮށްފައެވެ. އަދި، ޗައިނާއިން އެ ތަން އަސްކަރީ މަރުކަޒަކަށް ބަދަލުކޮށްފާނެ ކަމަށް އިންޑިޔާއާއި އެމެރިކާއިން ޤަބޫލު ކުރެއެވެ.