ޚަބަރު

މަކުނުވިދުރިއާ ގުޅިގެން ކެލިފޯނިޔާއާއި އިލިނޯއީގައިވެސް ކުއްލި ޙާލަތު


މަކުނުވިދުރި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެމެރިކާގެ ދެ ސްޓޭޓެއް ކަމުގައިވާ ކެލިފޯނިޔާއާއި އިލިނޯއީގައި ޢާންމު ޞިއްހަތުގެ ކުއްލި ހާލަތު އިޢުލާނު ކޮށްފިއެވެ. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކުއްލި ހާލަތު އިޢުލާނު ކޮށްފައިވާ އެމެރިކާގެ ފުރަތަމަ ސްޓޭޓަކީ ނިއު ޔޯކް ސްޓޭޓެވެ. އެ ސްޓޭޓްގައި ކުއްލި ހާލަތު އިޢުލާނު ކޮށްފައި ވަނީ ޖުލައި 31 ގައެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި، ބައްޔަށް ހުށަހެޅިފައިވާ މީހުންނަށް ވެކްސިން ދިނުމުގެ އިންތިޒާމުތައް ހަމަޖައްސައި، ވިލަރެސް ކުރުމަށް އެ ޤައުމުގެ ރައީސް ޖޯ ބައިޑަން ވަނީ ވައިޓް ހައުސްގައި ޓާސްކްފޯސްއެއް އެކުލަވައިލައްވައި، އެ މަސައްކަތަށް ދެ ބޭފުޅަކު ޢައްޔަން ކުރައްވާފައެވެ. މި ގޮތުން، އެ މަސައްކަތް މަތިކޮށްފައިވާ ދެ ބޭފުޅުންނަކީ ފެޑެރަލް އެމަރޖެންސީ މެނޭޖްމަންޓް އޭޖެންސީ (ފީމާ)ގެ ރީޖަނަލް އެޑްމިނިސްޓްރޭޓަރ ރޮބަރޓް ފެންޓަންއާއި ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ.ޑީ.ސީ)ގެ އެޗް.އައި.ވީ. ޕްރިވެންޝަން ޗީފް ޑިމިޓްރީ ޑެސްކެލެކިސްއެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް 7 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމަށް އެމެރިކާއިން އަންދާޒާ ކުރާއިރު، ވައިޓް ހައުސްގެ ޚާއްޞަ ޓާސްކްފޯސްގެ މައިގަނޑު ޒިންމާއަކަށް ވާނީ އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި މި ބައްޔަށް ޓެސްޓު ކުރުމާއި، ވެކްސިން ޖެހުމާއި ފަރުވާ ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމެވެ.

މަކުނުވިދުރިއާ ގުޅިގެން އެމެރިކާގެ ތިން ސްޓޭޓެއްގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައި ވީ ނަމަވެސް، މުޅި އެމެރިކާގައި މި ފަދަ ހާލަތެއް އިޢުލާނު ކޮށްފައެއް އަދި ނުވެއެވެ. އެމެރިކާގައި މިހާތަނަށް މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 5,800 އަށް އަރާފައެވެ. ނަމަވެސް، މި ބައްޔަކީ ޢާންމު ޞިއްޙަތަށް އޮތް ކުއްލި ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ވަނީ ޖުލައި 23 ގައި ކަނޑައަޅާފައެވެ.

މި ބަލި އެންމެ ފުރަތަމަ ދެނެގަނެވިފައި ވަނީ 1970 ގެ އަހަރުތަކުގެ ތެރޭގައި އެފްރިކާ ބައްރުންނެވެ. ކޮވިޑް-19އާ ޚިލާފަށް މި ބައްޔަށް ޚާއްޞަ ކޮށްފައިވާ ވެކްސިންތައް ވަނީ އުފައްދާފައެވެ. އަދި، ސައިންސްވެރިން ވަނީ މި ބައްޔަށް ފަރުވާތައް ހޯދާފައެވެ. ނަމަވެސް، ބަލި ފެތުރެމުންދާ ހަލުވި މިނާ އެއްވަރަށް، ވެކްސިން އުފައްދާ މިންވަރު މިހާރު މި ވަނީ އިތުރު ކުރަން ޖެހިފައެވެ.