ޚަބަރު

އެމެރިކާއިން ދަނީ ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވަމުން: ރަޝިޔާ


ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއިން އަމަލީ ގޮތުން ބައިވެރިވަމުންދާ ކަމަށް ރަޝިޔާއިން ތުހުމަތު ކޮށްފިއެވެ. ރަޝިޔާގެ މި ތުހުމަތުތައް އައިސްފައި މި ވަނީ، ޔޫކްރެއިނުގެ އަސްކަރިއްޔާގެ އިސްވެރިއެއް ކަމުގައިވާ ވަޑީމް ސްކިބިޓްސްކީ ދާދިފަހުން ދައްކަވާފައިވާ ވާހަކަތަކަކާ ގުޅިގެންނެވެ.

އޭނާ ވަނީ އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ އަސްކަރީ އެހީތެރިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ. މި ގޮތުން، އެމެރިކާއިން ފޯރުކޮށްދީފައިވާ ދުރުރާސްތާ "ހައިމާސް" ރޮކެޓް ސިސްޓަމްތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވެފައި ވަނީ، އެ ރޮކެޓުތައް ބޭނުންކޮށްގެން ރަޝިޔާގެ އަމާޒުތަކަށް ހަމަލާ ދިނުމުގައި އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާ ކަމުގައެވެ.

ސްކިބިޓްސްކީ ވިދާޅުވެފައި ވަނީ، ރަޝިޔާގެ އަމާޒުތަކަށް ހަމަލާ ދިނުމަށް އެމެރިކާގެ ޖާސޫސީ ސެޓެލައިޓްތައް ބޭނުން ކޮށްގެން ނަގާފައިވާ ފޮޓޯތައް ބޭނުން ކުރަމުންދާ ކަމުގައެވެ. އަދި، ހަމަލާތައް ދިނުމުގެ ކުރިން އެމެރިކާގެ ޖާސޫސީ އިދާރާގެ އިސް އޮފިޝަލުންނާ މަޝްވަރާ ކުރާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

މި ކަމާ ގުޅޭ ގޮތުން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، މިއީ ހަނގުރާމައިގައި އެމެރިކާއިން އަމަލީ ގޮތުން ބައިވެރިވަމުންދާ ކަމުގެ ހެއްކެއް ކަމުގައެވެ. އެމެރިކާއިން އަބަދުވެސް ބުނަމުން ގޮސްފައި ވަނީ، ޔޫކްރެއިނުގެ ސިފައިންނަށް ހަތިޔާރު ފޯރުކޮށްދިނުން ފިޔަވައި އިތުރު އެއްވެސް ގޮތަކުން އެ ޤައުމުން ހަނގުރާމައިގައި ބައިވެރި ނުވާނެ ކަމުގައެވެ.

"ދޮންބެސް ސަރަޙައްދުގައި ޢާންމުން ދިރިއުޅޭ ޢިމާރާތްތަކާއި ގެތަކަށް ޔޫކްރެއިނު ސިފައިން ދެމުންދާ މިސައިލާއި ރޮކެޓް ހަމަލާތަކުގެ ޒިންމާ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އުފުލަން ޖެހޭ. އަދި، އެތައް ބަޔެއްގެ މަރުގެ ޒިންމާ ވެސް ބައިޑަންގެ ސަރުކާރުން އުފުލަން ޖެހޭ،" ސްކިބިޓްސްކީގެ ވާހަކަތަކާ ގުޅިގެން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި އެ ޤައުމުން ބުންޏެވެ.

މި ކަމާ ގުޅޭގޮތުން ވައިޓް ހައުސްއިން ވެސް އަދި އެމެރިކާގެ ދިފާޢީ ވުޒާރާ ކަމުގައިވާ ޕެންޓެގަންއިން ވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ޔޫކްރެއިނުގައި ޢާންމުން ދިރިއުޅެމުންދާ ޢިމާރާތްތަކާއި ގެތަކަށް ރަޝިޔާއިން ގަސްދުގައި މިސައިލާއި ރޮކެޓް ހަމަލާތައް އަމާޒު ކުރަމުންދާ ކަމުގައި ޔޫކްރެއިނާއި އެމެރިކާއިން ތުހުމަތު ކުރެއެވެ.