ޚަބަރު

ފަލަސްތީނު މީހެއް ޝަހީދުކޮށްލައި އިތުރު މީހަކު ހައްޔަރުކޮށްފި


ޔަހޫދީންގެ ފައުޖުތަކުން ހުޅަނގު އައްސޭރިއަށް އަރައި ހިންގި އުދުވާންތަކެއްގައި ފަލަސްތީނު މީހަކު ޝަހީދުކޮށްލައި، އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ. ފަލަސްތީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ އިސްރާޢީލުގެ ސިފައިން ހުޅަނގު އައްސޭރީގެ ޖެނިންއަށް އަރައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައި ވަނީ އިސްލާމިކް ޖިހާދު ޖަމާޢަތަށް ނިސްބަތްވާ މީހެއް ކަމުގައެވެ.

ޔަހޫދީންގެ ސިފައިން ޖެނިންއަށް ވަދެފައި ވަނީ ފަލަސްތީނުގެ މީހުން ހެދުންއަޅާ ގޮތަށް ހެދުން އަޅައިގެން، ފަލަސްތީނު ރައްޔިތުންނަށް ހެދިގެންނެވެ. މި އޮޕަރޭޝަނަކީ އިސްލާމިކް ޖިހާދު ޖަމާޢަތަށް ނިސްބަތްވާ ބަޔަކު ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަނެކެވެ. ޔަހޫދީންގެ މި އޮޕަރޭޝަނުގައި ޝަހީދު ކޮށްލާފައިވާ މީހާގެ އިތުރު މަޢުލޫމާތު ފަލަސްތީނުގެ އޮފިޝަލުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އެއީ އިސްލާމިކް ޖިހާދު ޖަމާޢަތަށް ނިސްބަތްވާ މީހެއް ކަމަށް ޤަބޫލު ކުރެވެއެވެ.

ފަލަސްތީނާއި އިސްރާޢީލާ ދެމެދު ޞުލްޙަ ޤާއިމު ކުރުމަށް ކުރަމުންދިޔަ މަޝްވަރާތައް 2014 ވަނަ އަހަރު މެދުކެނޑުނު ފަހުން ޔަހޫދީންގެ އިސްތިޢުމާރީ ސިފައިން ދަނީ ފަލަސްތީނުގެ މުސްލިމް ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އެތަކެއް ޖަރީމާތަކެއް ހިންގަމުންނެވެ. އަދި، ޔަހޫދީންގެ އުދުވާންތަކުގައި މުސްލިމުންގެ އެތައް ސަތޭކަ ބަޔެއްގެ ލޭ އޮހޮރުވައިލާފައިވެއެވެ.