ޚަބަރު

ބަލި މީހާ ގެންދަން އުޅޭކަމުގެ މައުލޫމާތު ހިއްސާކޮށްފައެއް ނުވޭ: މަންޓާ


ދ. ކުޑަހުވަދޫ އެއަރޕޯޓަށް ދަތުރުކުރާ ހަމައެކަނި އެއާލައިން ކަމަށްވާ މަންޓާ އެއާގެ ބޯޓަކުން ބަލި މީހަކު ގޮވައިގެން ދަތުރުކުރަން ދެކޮޅު ހަދާފައި ނުވާނެކަމަށް އެ އެއާލައިންއިން ބުނެފިއެވެ.

އެ އެއާލައިންއިން މިހެން ބުނެފައިވަނީ ބަލި މީހަކު ގޮވައިގެން ދަތުރުކުރަން ދެކޮޅު ހެދިކަމަށް ބުނެ، ކުޑަހުވަދޫ ރައްޔިތުން ނިކުމެ މުޒާހަރާ ކުރުމާއި ގުޅިގެނެވެ،

މަންޓާއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އެއާލައިންގެ ސީއީއޯ މުހައްމަދު ޚަލީލް ވިދާޅުވީ މަންޓާ އެއަރގެ ސީ ޕްލޭނަކުން ބަލި މީހަކު ގެންދަން މަސައްކަތްކުރިއިރު، އެ އެއާލައިންގެ އެއްވެސް ފަރާތަކަށް އެކަމުގެ މައުލޫމާތު އަންގާފައި ނެތްކަމަށެވެ. އަދި ރަށުގެ ހޮސްޕިޓަލުގެ އިތުރުން އާއިލާގެ އެއްވެސް ފަރާތަކުންވެސް މަންޓާއަށް ގުޅާ އެ މައުލޫމާތު ދީފައި ނުވާކަމަށް ޚަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ މަންޓާ އެއަރއިން މީގެކުރިންވެސް ބަލި މީހުން ގޮވައިގެން ސީ ޕްލޭންގައި ދަތުރުކޮށްފައި ވާނޭކަމަށާއި، އަދި އެއްވެސް ބަލި މީހަކު ގެންދަން އެއަރލައިނުން ދެކޮޅު ހަދާފައިނުވާކަމަށެވެ. ނަމަވެސް އެއީ ވަރަށް ނުރައްކާ ބޮޑު މަސައްކަތެއްކަމަށް އެ އެއަރލައިނުން ފާހަގަކުރެއެވެ.

"އަޅުގަނޑުމެންގެ އޭޓީއާރު އެއަރކްރާފްޓަކީ ސްޓްރެޗަރ އުފުލޭ އެއްޗެއް ނޫންކަން ހުރިހާ އެންމެންނަށްވެސް އެނގިފަ އޮންނާނީ. އެހެންވީމަ ސްޓްރެޗަރ ޕޭޝަންޓެއް ވެއްޖިއްޔާ ގެނައުމުގަ ދަތިތަކެއް ހުންނާނެ. އެކަމު ދުވާލު ގަޑިތަކުގައި އަޅުގަނޑުމެން މީގެ ކުރިން ވެސް ހުންނާނެ ސީޕްލޭންގައި ގެނެސްދީފަ" މަންޓާ އެއާލައިންގެ ސީއީއޯ މުހައްމަދު ޚަލީލް ވިދާޅުވިއެވެ.

އެއަރޕޯޓުގައި މުޒާހަރާކޮށް، އެއަރޕޯޓުގެ އޮޕަރޭޝަނަށް ބުރޫ އަރާފައިވާއިރު މިއީ ކުރިއަށް އޮތްތަނުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެއްކަންހ ހަލީލް ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި އަމާން ތަނެއްގެ ގޮތުގައި ސިފަކުރާއިރު، މިފަދަ މަންޒަރެއް ފެނުމަކީ ރާއްޖެއާމެދު ފަތުރުވެރިންނާއި އިންވެސްޓަރުންގެ އިތުބާރު ގެއްލުމަށް މެދުވެރިވާނެ ސަބަބެއްކަމަށްވެސް ޚަލީލް ވިދާޅުވިއެވެ.

"އޭވިއޭޝަން ރޫލްސްތަކަކީ ވަރަށް ސޮލިޑް ރޫލްސްތަކެއް. ސްޓްރެޗަރތައް ނަގާފަ ސީޓްތަކުގެ މަތީގަ އައްސާފަ ބާއްވައިގެން ގެންނަކަހަލަ ގޮތަކަށް ނުކުރެވޭނެ މިކަންކަމެއް. އަޅުގަނޑުމެން މި ނަގަނީ ރިސްކެއް އަސްލުގަ" މަންޓާ އެއާލައިންގެ ސީއީއޯ މުހައްމަދު ޚަލީލް ވިދާޅުވިއެވެ.

މަންޓާ އެއަރއިން ވަނީ އެއެއާލައިންއިން ބޭނުންކުރާ ސީޕްލޭންތަކަކީ، ބަލި މީހުން އަރުވަން ބޭނުންކުރާ ސްޓްރެޗަރ އެރުވޭ ގޮތަށް ފަރުމާކޮށްފައި ހުންނަ ބޯޓުތަކެއް ނޫންކަން ފާހަގަކޮށްފައެވެ. އަދި އެއީ ވައިގެ ދަތުރުފަތުރުގެ ގާނޫނުތަކާއި އެއްގޮތަށް ބެލި ނަމަވެސް ކުރެވޭނެކަމެއް ނޫންކަމަށް އެ އެއަރލައިނުން ފާހަގަކުރެއެވެ. ހަލީލް ވިދާޅުވީ އެކަމަށް ހައްލެއްގެ ގެނައުމުގެ ގޮތުން ވީލް އަޅުވައިގެން ސީ ޕްލޭންގެ ދަތުރުކުރުމަށް ހުއްދަ ހޯދުމަށް އެދިފައިވާނެކަމަށާއި އެކަމަށް ބޭނުންވާނެ ހުރިހާ އިކުއިޕްމަންޓްތަކެއް މިހާރު ހޯދާފައިވާނެކަމަށެވެ. އޭރުން ރާއްޖެ ކަހަލަ ކުދި އެއަރޕޯޓްތައް ހުންނަ ޤައުމެއްގައި ދަތުރުކުރުމަށް ފަސޭހަވާނެކަމަށް މަންޓާ އެއަރއިން ފާހަގަކުރެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކުޑަހުވަދޫ ކައުންސިލުން ވިދާޅުވީ އެ ރަށުން ބަލި މީހުން މާލެ ފޮނުވުމުގައި ދަތިތައް ކުރިމަތިވަމުންދާކަމަށެވެ. އަދި ބައެއް ފަހަރު ބައެއް އެއަރލައިންތަކުން ބަލި މީހުން ގޮވައިގެން ދަތުރުކުރުމަށް ދެކޮޅު ހަދާކަމަށް ކުޑަހުވަދޫ ކައުންސިލުން ބުނެއެވެ.

ކުޑަހުވަދޫ އެއަރޕޯޓު ކައިރީއަށް ހޯމަދުވަހުގެރޭ މީހުން އެއްވެގެން ހިނގި ކަންކަމުގެ ސަބަބުން ފަތުރުވެރިން އެއަރޕޯޓުން ނުކުތުމަށް ހުރަސް އެޅި، ފަތުވެރިން 5 ވަރަކަށް ގަޑިއިރު އެއަރޕޯޓުގައި ތާށިވެފައި ތިބިކަމަށް މަންޓާއިން ބުނެއެވެ. އަދި އެއަރޕޯޓު ސަރަހައްދުގައި މުޒާހަރާކުރުމުގެ ސަބަބުން ރިސޯޓަށް ނުދެވިފައި ބައެއް ފަތުރުވެރިން ތާށިވިއިރު، އޭގެތެރޭގައި 4 ކުދިން ތިބިކަމަށްވެސް މަންޓާއިން ބުނެއެވެ.

މަންޓާއިން ބުނީ މިކަމުގައި ހޯމް މިނިސްޓްރީއާއި ޓުއަރިޒަމް މިނިސްޓްރީގެ އިތުރުން ސަލާމަތީ ޚިދުމަތްތަކާ ވާހަކަދެކެވިފައިވާކަމަށާއި، އެ ފަރާތްތަކުގެ އެހީތެރިކަން ލިބުނުކަމަށެވެ.