މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ހއ.އަތޮޅުން ފެށިގެން އދ.އަތޮޅާ ހަމައަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. އަދި މި ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހި ކަނޑުތައް ވަރަށް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރައްވާފައެވެ.
އެއިދާރާއިން ލަފާކުރައްވާގޮތުގައި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ.
Yellow Alert for strong winds and rough seas. pic.twitter.com/qPZJHMS7iO
— Maldives Meteorology (@MetMaldives) August 2, 2022
ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށް ލަފާކުރެވޭއިރު، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ކެރިގަނޑުގައި ގަދަވާނެކަމަށް އެ އޮފީހުން ވިދާޅުވެއެވެ. މީގެ އިތުރުން ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ލަފާކުރެވެއެވެ.
މެޓް އޮފީހާ ކަމާގުޅޭ އިދާރާތަކުން ދަނީ، އެލަރޓް ނެރެފައިވާ ވަގުތުތަކުގައި ކަނޑު ދަތުރުތަކަށް ނުނިކުތުމަށް އިލްތިމާސްކުރަމުންނެވެ. ޚާއްސަކޮށް ކުދި އުޅަނދުތައް ދަތުރަށް ނުނިކުރުމަށް އިލްތިމާސްކުރެއެވެ.