ޚަބަރު

ވާރޭވެހޭއިރު ހިޔާ ފްލެޓްތަކަށް ފެން ވަންނަ މައްސަލަ ހައްލުކުރަން ފަށައިފި


ވާރޭވެހޭއިރު ހިޔާ ފްލެޓްތަކުގެ ކުޑަދޮރުން ފެން ވަނުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އިން ފަށައިފިއެވެ.

މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިމަހުގެ 2ވަނަ ދުވަހުން ފެށިގެން 13ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

އެޗްޑީސީން ވިދާޅުވީ ފެން ވަންނަ މައްސަލައަށް ހައްލު ގެނައުމަށް ކުރާ މަސައްކަތަށް ބޭނުންވާ ތަކެތި ލިބުމާ ގުޅިގެން ޝަކުވާ ހުށަހަޅާފައިވާ ތަރުތީބުން މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިއަދުން ފެށިގެން މައްސަލަ ހުށައަޅާފައިވާ ފަރާތްތަކަށް ގުޅަމުންދާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

އެޗްޑީސީން ވިދާޅުވީ މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 8:00އިން ފެށިގެން ހަވީރު 5:30އަށް ކަމަށެވެ. އެގޮތުން ހިޔާ ޓަވަރު 1، 14، 16ގައިވާ އެޕާޓްމަންޓްތަކަށް ވަދެވޭނެ އިންތިޒާމާއި ކުޑަދޮރު ކައިރީ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެޗްޑީސީންވަނީ އެދިފައެވެ.

ހިޔާ ޓަވަރު 1، 14، 16 ގެ 20ވަނަ ފަންގިފިލާއިން ފެށިގެން 24 ވަނަ ފަންގިފިލާގައި މިމަހުގެ 2ވަނަ އަދި 3ވަނަ ދުވަހު މަސައްކަތްކުރަން ހަމަޖެހިފައިވެއެވެ. 15ވަނަ ފަންގިފިލާއިން 19ވަނަ ފަންގިފިލާއަށް މިމަހުގެ 4 އަދި 6ވަނަ ދުވަހު މަސައްކަތްކުރާނެއެވެ.

މި މަހުގެ 7 އަދި 8ވަނަ ދުވަހު އެ ޓަވަރުތަކުގެ 10ވަނަ ފަންގިފިލާއިން ފެށިގެން 14ވަނަ ފަންގިފިލާގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ. 9 އަދި 10ވަނަ ދުވަހު މަސައްކަތް ކުރާނީ 5ވަނަ ފަންގިފިލާއިން ފެށިގެން 9 ވަނަ ފަންގިފިލާގައެވެ.

މީގެއިތުރުން އެ ޓަވަރުތަކުގެ 1ވަނަ ފަންގިފިލާއިން ފެށިގެން 4ވަނަ ފަންގިފިލާގައި މަސައްކަތްކުރަން ހަމަޖެހިފައިވަނީ މި މަހުގެ 11 އަދި 13ވަނަ ދުވަހުއެވެ.

ހިޔާ ފްލެޓްތަކުގެ ކުޑަދޮރުން ފްލެޓްތެރެއަށް ފެން ވަނުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއްމުންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރުމަކީ އެޗްޑީސީން ޚާއްޞަ އިސްކަމެއްދީގެން ކުރަމުން އަންނަ ކަމެކެވެ.