ޚަބަރު

ކުޑަކުދިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާ: މުޖުތަމަޢުގެ ބޮޑު ކަންބޮޑުވުމެއް


ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކޮށް، ރައްކާތެރިކުރުމުގައި ދިމާވާ ގޮންޖެހުންތައް އަންނަނީ އިތުރުވަމުންނެވެ. އަދި މިއީ މުޖުތަމައުގެ ހުރިހާ ފަރުދުންގެ މެދުގައިވެސް އޮންނަ ބޮޑު ކަންބޮޑުވުމެކެވެ.

ފާއިތުވީ ޖޫން މަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ޖުމްލަ 248 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ޤާނޫނާއި ޤަވާއިދާ ޚިލާފުވުމާއި އާއިލީ މައްސަލަތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ މައްސަލަތަކާއި، އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ މައްސަލަތައް ހިމެނެއެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާންމުގޮތެއްގައި އެންމެ ގިނައިން އެ މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތަކަކީ ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަތަކެވެ. އެގޮތުން ފާއިތުވީ ޖޫން މަހުވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގުޅޭ 126 މައްސަލަވަނީ ރިޕޯޓްކޮށްފައެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތައްކަމަށެވެ. އެ ގޮތުން އިހުމާލުވުމުގެ 28 މައްސަލައެއް ޖޫން މަހު އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ. އަދި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 27 މައްސަލައަކާއި، ނަފްސާނީ ހާނިއްކައިގެ 26 މައްސަލައަކާއި، ޖިންސީ ހާނިކައިގެ 24 މައްސަލައެއްގެ އިތުރުން ޖިސްމާނީ ހާނިކައިގެ 16 މައްސަލަ އެ މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވެއެވެ.

އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 3 މައްސަލައަކާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާ އަށް ބޭނުންކުރުމުގެ 1 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 1 މައްސަލައެއް ޖޫން މަހު ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ.

ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 12 މައްސަލައެއް ޖޫން މަހު ޖެންޑަރ މިނިސްޓްރީއަށް ވަނީ ހުށަހެޅިފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނިކުމެގެން ދިއުމުގެ 7 މައްސަލައަކާއި ރުޅިގަދަވެގެން އުޅުމުގެ 3 މައްސަލައެއްގެ އިތުރުން ސްކޫލަށް ދާން ބޭނުން ނުވުމުގެ 2 މައްސަލަ ހިމެނެއެވެ.

އިޖްތިމާޢީ ނަޒަރުން ބަލާއިރު ރާއްޖޭގައި ކުޑަކުދިންނަށް ލިބެންވާ ޙިމާޔަތާއި ރައްކާތެރިކަމާއި އިޙްތިރާމް ލިބިދެއެވެ. އެހެންނަމަވެސް، ކުޑަކުދިންގެ ޙައްޤުތަކާ ފުށުއަރާފަދަ ޙާދިސާތައް އިތުރުވަމުންދާކަމީ މުޖުތަމަޢުއެއްގެގޮތުގައި އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ މަސައްލައެކެވެ. ކުޑަކުދިންނާ ގުޅޭ މިބާވަތުގެ މައްސަލަތަކަކީ ދައުލަތުގެ މުއައްސަސާތަކުން ވަރަށް ސީރިއަސް ގޮތެއްގައި ބަލަމުންދާ މައްސަލަތަކެކެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، ކުޑަކުދިންނަށް މުޖުތަމައުގައި ޚާއްޞަ އުސޫލަކުން ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ލާޒިމުކުރެއެވެ. 1991 ވަނަ އަހަރުން ފެށިގެން ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނެއް ފާސްކޮށް، އެއަށް ރާއްޖޭގައި އަންނަނީ ޢަމަލުކުރަމުންނެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށާއި، ސިއްޙަތު ރަނގަޅު ބައެއްގެ ގޮތުގައި ބެލެހެއްޓުމަކީ މައިންބަފައިންނާއި، ދިވެހި ސަރުކާރުގެ މައްޗަށް މިޤާނޫނު ލާޒިމުކުރާކަމެކެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތަކާމެދު ޚާއްޞަ އުޞޫލަކުން ޢަމަލުކުރުމާއިބެހޭ ޤާނޫނާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުންވެސް ކުޑަކުދިންނަށް ޚާއްޞަ ރައްކާތެރިކަމެއް ލިބިދެއެވެ. ކުޑަކުދިންކުރާ ކުށްތަކުގެ މައްސަލަތައް ބެލުމަށް ޖުވެނައިލް ކޯޓްގެ ނަމުގައި ޚާއްޞަ ކޯޓެއްވެސް ވަނީ ޤާއިމުކޮށްފައެވެ.

ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކޮށް، ރައްކާތެރިކުރުމުގައި ދިމާވާ ގޮންޖެހުންތައް ނައްތާލައި، އެކަންކަމަށް ޒަމާނީ ހައްލުތަކެއް ހޯދައިދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަންނަނީ މަސަައްކަތް ކުރަމުންނެވެ.