ޚަބަރު

ހޮންގު ކޮންގުގައި ހަ މަހުން ދޮށީ ކުދިންނަށް ކޮވިޑް ވެކްސިން ދެނީ


ހަ މަހުން ދޮށީ ކުދިންނަށް ކޮވިޑް-19އިން ރައްކާތެރިކޮށްދޭ ވެކްސިން ދިނުމަށް ހޮންގްކޮންގުގެ ސަރުކާރުން ނިންމައިފިއެވެ. މި ގޮތަށް އަމަލު ކުރަން ނިންމާފައި ވަނީ ހޮންގްކޮންގުގެ ބަލިތަކާއި ވެކްސިނާ ބެހޭ މައި ދެ އިދާރާއަކުން ގުޅިގެންނެވެ. އެ ދެ އިދާރާއަކީ ސައިންޓިފިކް ކޮމިޓީ އޮން ވެކްސިން ޕްރިވެންޓެބަލް ޑިޒީޒަސް އަދި ސައިންޓިފިކް ކޮމިޓީ އޮން އެމަރޖިންގް އެންޑް ޒޫޓޯނިކް ޑިޒީޒަސްއެވެ.

އެ އިދާރާތަކުން ނިންމާފައި ވަނީ ސީނޯވެކް ވެކްސިނާއި ބަޔޯއެންޓެކްއިން އުފައްދާފައިވާ ވެކްސިންތަކަކީ، ހަ މަހުން ދޮށީ ކުޑަކުދިންނަށް ދިނުމަށް ރައްކާތެރި ވެކްސިންތަކެއް ކަމުގައެވެ. އެ އިދާރާތަކުން މި ގޮތަށް އަމަލުކުރަން ނިންމާފައި މި ވަނީ، ކޮވިޑް ޖެހިގެން 22 މަހުގެ ޅަކުއްޖަކު މަރުވެފައިވާ ދަނޑިވަޅެއްގައެވެ.

މި ނިންމުމުގެ ދަށުން ބޮޑެތި މީހުންނަށް ޖަހައިދޭ ސިނޯވެކް ވެކްސިންގެ ޑޯޒު ޅަކުދިންނަށް ވެސް ދެވޭނެއެވެ. ނަމަވެސް، އެ ކުދިންނަށް ދޭނީ ބަޔޯއެންޓެކްގެ ވެކްސިންގެ ފުރިހަމަ ޑޯޒެއްގެ ދިހަބައިކުޅަ އެއްބައި ހަމަވާ ޑޯޒެކެވެ. މި ކަމާ ގުޅޭ ގޮތުން ބަޔޯއެންޓެކް ކުންފުންޏާ މަޝްވަރާ ކުރަމުންދާ ކަމަށް އެ އިދާރާތަކުން ބުނެއެވެ. އަދި، އެ ގޮތަށް އިންތިޒާމުތައް ހަމަނުޖެހިއްޖެ ހާލަތެއްގައި، އެ ވެކްސިންގެ "ޑައިލޫޓް" ކޮށްފައިވާ ޑޯޒެއް ޅަކުދިންނަށް ދެވޭނެ ގޮތެއް ހޯދާނެ ކަމުގައި ވެސް ހޮންގްކޮންގުގެ އިދާރާތަކުން ބުނެއެވެ.

ހޮންގްކޮންގުގައި ޖުލައި 31 ވަނަ ދުވަހު 4,254 މީހުންނަށް މި ބަލި ޖެހުނެވެ. މީގެ ތެރޭގައި އެ ޤައުމަށް އެތެރެވި 235 މީހުން ހިމެނޭއިރު، އެ ދުވަހު ހަ މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. ހޮންގްކޮންގުގައި މިހާރު ވެސް ތިން އަހަރުން މަތީގެ ޅަކުދިންނަށް ކޮވިޑް ވެކްސިން ޖަހައިދެއެވެ.