ޚަބަރު

އާމުދަނީން ނަގާ ޓެކުހުން %20 ކަނޑައިދޭނަން: ސުނަކް


ޢާމްދަނީން ނަގާ ޓެކުހުން 20 އިންސައްތަ އުނިކޮށްދޭނެ ކަމަށް ވިދާޅުވެ، އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ވާދަ ކުރައްވާ ރިޝީ ސުނަކް ވަޢުދުވެއްޖެއެވެ. ސުނަކްއަކީ، ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ ސަރުކާރުގެ މާލީ ވަޒީރެވެ. ނަމަވެސް، ދެބަސްވުންތަކެއް އުފެދި، އޭނާ ވަނީ އިސްތިޢުފާ ދެއްވާފައެވެ.

މި އިންތިޚާބުގައި ސުނަކާ ވާދަކުރައްވަނީ ޚާރިޖީ ވަޒީރުގެ މަޤާމު ފުރުއްވަމުން ގެންދަވާ ލިޒް ޓްރަސްއެވެ. ޚިޔާލު ހޯދުމުގެ ގޮތުން ނަގާފައިވާ ވޯޓުތަކުން ޓްރަސް މިހާރު ގެންދަވަނީ ކުރި ހޯއްދަވަމުންނެވެ. އަދި، ދާދި ފަހުން ދިފާޢީ ވަޒީރު ބެން ވޮލެސް ވެސް ވަނީ ޓްރަސްއަށް ތާޢީދު ކުރައްވާ ކަން ހާމަ ކުރައްވާފައެވެ.

މީގެ އިތުރުން، ސުނަކަށް ފަހު މާލީ ވަޒީރު ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވި ނަދީމް ޒަޙާވީއާއި، ކޮންޒަރވެޓިވް ޕާޓީގެ ތެރޭގައި ބޭއްވި އިންތިޚާބުގައި ވާދަކުރައްވައި، ނާކާމިޔާބުވެ ވަޑައިގެންނެވި ޓޮމް ޓުގެންޑްހެޓް ވެސް ވަނީ ޓްރަސްއަށް ތާޢީދު އޮތް ކަމުގައި ވިދާޅުވެފައެވެ.

އޭނާގެ ސަރުކާރެއްގައި ޢާމްދަނީން ނަގާ ޓެކުސް ދަށްކުރާނެ ކަން ހާމަ ކުރައްވައި ސުނަކް ވިދާޅުވީ، އިންފްލޭޝަން މައްޗަށް ދިޔުން ކޮންޓްރޯލް ކުރެވުމުން 2024 ވަނަ އަހަރުގެ ކުރިން ޢާމްދަނީ ނަގާ ޓެކުހުން 1 ޕެންސް ކަނޑައިލާނެ ކަމުގައެވެ. އަދި، 2029 ވަނަ އަހަރުގެ ކުރިން ޓެކުހުން 3 ޕެންސް ކަނޑައިލާ، ޖުމުލަ 20 އިންސައްތައަށް ދަށްކޮށްދޭނެ ކަމުގައެވެ. މިއާއެކު، އިންޓަމް ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު 20 ޕެންސްއިން 16 ޕެންސްއަށް ދަށްވާނެއެވެ.

އިނގިރޭސި ވިލާތުގެ އައު ބޮޑުވަޒީރު އިޚުތިޔާރު ކުރުމުގެ ބާރު މިހާރު އޮތީ ވެރިކަން ކުރާ ކޮންޒަރވެޓިވް ޕާޓީގެ 200,000 ޢާންމު މެންބަރުންގެ އަތުގައެވެ. މި އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅަކު އެނގިގެން ދާނީ ސެޕްޓެންބަރު މަހުގެ 5 ވަނަ ދުވަހުއެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، ޓްރަސް އުޅުއްވަނީ ސުނަކަށް ވުރެ 24 ޕޮއިންޓު ކުރީގައެވެ.