ޚަބަރު

ހަނގުރާމަ ފެށިފަހުން ފުރަތަމަ ފަހަރަށް ޔޫކްރެއިނުން ގޮވާން ބޭރުކުރަން ފަށައިފި


ޔޫކްރެއިނަށް ރަޝިޔާ ސިފައިން އަރައި ހަނގުރާމަ ފެށުމާ އެކު ހުއްޓިފައި އޮތް ޔޫކްރެއިނުގެ ގޮވާން އެކްސްޕޯޓު ކުރުމުގެ ވިޔަފާރި އަލުން ފަށައިފިއެވެ. ހަނގުރާމަ ފެށި ފަހުން ގޮވާން ބަރުކޮށްގެން ޔޫކްރެއިނުން އާގުބޯޓެއް ފުރަތަމަ ފަހަރަށް ފުރާފައި މި ވަނީ އޮޑެސާގެ ބަނދަރުންނެވެ. ސިއެރެ-ލިއޯންގެ އާގުބޯޓު ދަތުރު ކުރާނީ ހަނގުރާމަ ފެށުމާ އެކު ރަޝިޔާއިން ވަނީ ޔޫކްރެއިނުން ގޮވާން އެކްސްޕޯޓު ކުރުމަށް ހުރަސް އަޅާފައެވެ. ރަޝިޔާއާއި ޔޫކްރެއިނަކީ އެންމެ ގިނަ އަދަދަކަށް ގޮވާން އުފައްދާ، ބޭރު ކުރާ ދެ ޤައުމެވެ. މިއާއެކު، ދުނިޔޭގެ ބާޒާރުގައި ގޮވާން ލިބުން ދަތިވެ، ގޮވާމުގެ ބާވަތްތަކުގެ އަގުތައް އިންތިހާއަށް އުފުލިގެން ދިޔައެވެ.

ޔޫކްރެއިނުން އަލުން ގޮވާން އެކްސްޕޯޓު ކުރަން ފަށާފައި މި ވަނީ، އ.ދ.އިން އިސްނަގައިގެން ތުރުކީ ވިލާތުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރި މަސައްކަތުންނެވެ. މި ކަމާ ގުޅޭ މަޝްވަރާތައް ކާމިޔާބުވެ، ގޮވާން އެކްސްޕޯޓު ކުރުމުގެ މަސައްކަތް ފެށުމުގެ ފުރުޞަތު ދޭން ރަޝިޔާއިން އެއްބަސްވެފައި ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. މިއާއެކު، ދުނިޔޭގެ ބާޒާރުގައި ގޮވާން ލިބުން ތަނަވަސްވެ، އަގުތައް ތިރިވާނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވެފައިވާ ބަނޑުހައިހޫނު ކަމުގެ ބިރުވެރި ކަމަށް ނިމުމެއް ގެނައުމުގެ މަސައްކަތް ޔޫކްރެއިނާ، އެހެން ބައިވެރިން ގުޅިގެން މިއަދު މި ވަނީ ފެށިފައި،" މި ކަމާ ގުޅޭ ގޮތުން ޔޫކްރެއިނުގެ ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު އެލެގްޒެންޑަރ ކުބްރަކޯފް ވިދާޅުވިއެވެ.

"ޔޫކްރެއިނުގެ ބަނދަރުތައް ހުޅުވައިލާ ގޮވާން އެކްސްޕޯޓު ކުރަން ފެށުމުން ބޭރު ފައިސާގެ ރިޒާވް 1 ބިލިޔަން ޑޮލަރުން އިތުރުވާނެ. އެ ފައިސާ ޚަރަދު ކުރެވޭނީ ދަނޑުވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް، އަންނަ އަހަރުގެ އެކްސްޕޯޓުތަކަށް ތައްޔާރު ވާން،" އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިނުގެ ބަނދަރުތަކުގައި އިތުރު 16 އާގުބޯޓަކަށް ގޮވާން ބަރުކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. މި އުޅަނދުފަހަރަށް 600,000 ޓަނުގެ މުދާ ބަރުކޮށްފައި ވާއިރު، މީގެ ތެރެއިން 580,000 ޓަނަކީ ގޮވާމުގެ ބާވަތްތަކެވެ.

ޔޫކްރެއިނާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، އެ ޤައުމުން ގޮވާން ބަރުކޮށްގެން ދަތުރުކުރާ އާގުބޯޓުފަހަރަށް ރަޝިޔާއިން ހަމަލާއެއް ނުދޭނެއެވެ. އަދި، އެ އުޅަނދުފަހަރަށް ރައްކާތެރިކަން ދިނުމުގެ ގޮތުން ޔޫކްރެއިންގެ ކަނޑުގެ ސިފައިންގެ މަނަވަރުތައް ހަރަކާތްތެރި ވާނެއެވެ. އަދި، އެ ބޯޓުފަހަރުގައި އުފުލަނީ ގޮވާމުގެ ބާވަތްތައް ކަން ކަށަވަރު ކުރުމުގެ ޒިންމާ އުފުލާނީ ތުރުކީ ވިލާތުންނެވެ. ސަބަބަކީ، ޔޫކްރެއިނަށް ހަތިޔާރު އެތެރެ ކުރަން މަސައްކަތް ކުރާ ކަމުގައި ރަޝިޔާއިން ތުހުމަތު ކުރުމެވެ.

އެއްބަސްވުމުގެ ދަށުން ޔޫކްރެއިންގެ ތިން ސަރަޙައްދެއް ކަމުގައިވާ އޮޑެސާއާއި ޗޮރްނޮމޮރްސްކް އަދި ޕިވްޑެނީގެ ބަނދަރުތައް ވަނީ ހުޅުވައިލާފައެވެ. ނަމަވެސް، އެއްބަސްވުން އެކުލަވައިލާ ގިނަ އިރުތަކެއް ނުވަނީސް، ރަޝިޔާގެ އަސްކަރިއްޔާއިން ވަނީ އޮޑެސާގެ ބަނދަރަށް ހަމަލާތަކެއް ދީފައެވެ. އަދި، އެ ހަމަލާތަކާ ގުޅިގެން އެއްބަސްވުން ތަންފީޒު ކުރެވޭނެ ކަމާ މެދު ސުވާލު އުފެދިގެން ދިޔައެވެ. އެ ހަމަލާތަކާ ގުޅިގެން ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ ރަޝިޔާއަކީ އިތުބާރު ކުރެވޭނެ ޤައުމެއް ނޫން ކަމުގައެވެ.