ޚަބަރު

މިއީ ގޮތަބަޔާ އެނބުރި ވަޑައިގަންނަވަން އެންމެ ރަނގަޅު ވަޤުތެއް ނޫން: ރަނިލް


ފިއްލަވައިގެން ސިންގަޕޫރަށް ވަޑައިގެންނެވި ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އެނބުރި ޤައުމަށް ވަޑައިގަންނަވަން މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމުގައި ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވި ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ، މި ވަގުތު ރާޖަޕަކްސަ އެނބުރި ވަޑައިގަންނަވައިފި ނަމަ، ޤައުމުގެ ސިޔާސީ މަސްރަޙު އިތުރަށް ހޫނުވެ، ހަމަނުޖެހުން އުފެދުމުގެ ފުރުޞަތު އޮތް ކަމުގައެވެ.

"މިއީ އޭނާ އެނބުރި ވަޑައިގަންނަވަންވީ ވަގުތު ކަމަކަށް ޤަބޫލެއް ނުކުރެވޭ. އަދި، އެހާ އަވަހަށް އޭނާ އެނބުރި ވަޑައިގަންނަވާނެ ކަމަކަށް ނުބެލެވޭ،" ވިކްރަމަސިންހަ ވިދާޅުވިއެވެ. ޤައުމުގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، އިޤްތިޞާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމާ ގުޅިގެން ރާޖަޕަކްސް ޤައުމު ދޫކުރައްވާ ވަޑައިގަންނަވާފައި ވަނީ އޭނާގެ ސަރުކާރާ ދެކޮޅަށް ޢާންމު ރައްޔިތުން ނިކުމެ، ސިލްސިލާ މުޒާހަރާތަކެއް ފެށުމާ ގުޅިގެންނެވެ.

ރާޖަޕަކްސަ ސިންގަޕޫރަށް ވަޑައިގެންނެވީ ޖުލައި 13 ވަނަ ދުވަހުއެވެ. އަދި، އިސްތިޢުފާ ދެއްވާފައި ވަނީ ސިންގަޕޫރުގައި ހުންނަވައިގެންނެވެ. އޭނާ ސިންގަޕޫރަށް ވަޑައިގަންނަވާފައި ވަނީ އަމިއްލަފުޅު ދަތުރެއްގައި ކަމުގައި އެ ޤައުމުން ބުންޏެވެ. އަދި، އޭނާއަށް އޮގަސްޓު މަހުގެ 11 ވަނަ ދުވަހާ ހަމައަށް އެ ޤައުމުގެ މަޑު ކުރެވޭ ގޮތަށް މުއްދަތު ވަނީ އިތުރު ކޮށްދީފައެވެ.

ސްރީލަންކާގެ މާލީ ހާލަތު ރަނގަޅުކޮށް، ދަރަނި ދެއްކުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައި.އެމް.އެފް) މެދުވެރިކޮށް ލޯނެއް ނެގުމަށް އެ ޤައުމުން ދަނީ މަސައްކަތް ކުރަމުންނެވެ. މިކަމާ ގުޅޭ ގޮތުން ވިކްރަމަސިންހަ ވިދާޅުވީ، ސަރުކާރާ ދެކޮޅަށް ހިންގާފައިވާ މުޒާހަރާތަކާ ގުޅިގެން، އެއްބަސްވުމެއް އެކުލަވައިލުމަށް ކުރި މަސައްކަތްތަކަށް ނުރަނގަޅު އަސަރު ކޮށްފައިވާ ކަމުގައެވެ.