ޚަބަރު

ޔާމީނާއި ރިޟުވާން މަރާލީ މައްސަލާގައި އިތުރު 3 މީހެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި


ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލައާއި ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ރަހީނުކޮށް މަރާލި މައްސަލަގައި އިތުރު 3 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނިލް ކޯޓަށް ހުށައަޅައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން މި ތިން މީހުންގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ކްރިމިނަލް ކޯޓަށް ހުށައަލާފައިވަނީ މިއަދުއެވެ.

ދަޢުވާ ކުރުމަށް ފޮނުވާފައިވާ 3 މީހުންނަކީ މ.ލެގޫންވިއު، އިސްމާޢީލް ޢަބްދުއްރަޙީމް އާދަމްއާއި މއ.ފާގަފިލާގެ، އަޙްމަދު އިސްމާޢީލްއާއި ދަފްތަރު ނަންބަރު 8499 އަޙްމަދު މުޢާޒެވެ.

މީގެ ތެރެއިން މ.ލެގޫންވިއު، އިސްމާޢީލް ޢަބްދުއްރަޙީމް އާދަމްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން, ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދަޢުވާއެވެ.

އޭނާގެ މައްޗަށް މި ދަޢުވާ ކުރަނީ 2014ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އަޙްމަދު ރިޟުވާން ޢަބްދުﷲ ރަހީނުކޮށް މަރާލުމަށްޓަކައި 2014ވަނަ އަހަރުގެ ތެރޭގައި އަޙްމަދު ރިޟުވާން ޢަބްދުﷲ އަށް ފާރަލައި، އޭނާ ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާތީކަމަށް ޕީޖީން ވިދާޅުވެއެވެ. ދެން އޭނާގެ މައްޗަށް ދަޢުވާ ކުރަނީ ބްލޮގަރ ޔާމީން ރަޝީދުގެ ބްލޮގްގައާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނާ ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާކަމަށް ބުނެ، 23 އޭޕްރީލް 2017 ދުވަހުގެރޭ އަނިޔާވެރިގޮތަކަށް ޔާމީން ރަޝީދު މަރާލުމަށްޓަކައި، 2017ވަނަ އަހަރުގެ ތެރޭގައި އޭނާއަށް ފާރަލައި، މަރާލުމަށް އެހީތެރިވެދީފައިވާތީކަމަށްވެސް ޕީޖިން ވިދާޅުވެއެވެ.

މި މައްސަލާގައި ދެން ދަޢުވާ ކުރާ މއ.ފާގަފިލާގެ، އަޙްމަދު އިސްމާޢީލްގެ މައްޗަށް ދަޢުވާ ކުރަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން, ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއެވެ. ޕީޖީން ވިދާޅުވީ މި ދަޢުވާ އޭނާއަށް ކުރަނީ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީއާއި، އަޙްމަދު އިސްމާޢީލްއާއި، އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، 8 އޯގަސްޓް 2014 ދުވަހުގެ ދަންވަރު އަހްމަދު ރިޟްވާން ޢަބްދުﷲ ރަހީނުކޮށް މަރާލާފައިވާތީކަމަށެވެ.

މީނާގެ މައްޗަށް ކުރާ ދެވަނަ ދަޢުވާއަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން, ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދަޢުވާއެވެ. އެއީ 23 އޭޕްރީލް 2017 ދުވަހުގެ ރޭ އަނިޔާވެރިގޮތަކަށް ބްލޮގަރ ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ޔާމީން ރަޝީދަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް، އެކަން ކުރުމަށް އޭނާ އެހީތެރިވެދީފައިވާތީކަމަށް ޕީޖީން ވިދާޅުވެއެވެ.

ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލައާއި, ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ރަހީނުކޮށް މަރާލި މައްސަލަގައި ދަޢުވާ ކުރާ ދަފްތަރު ނަންބަރު 8499 އަޙްމަދު މުޢާޒުގެ މައްޗަށް ދަޢުވާ ކުރަނީވެސް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ގެ ދަށުން, ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއެވެ. އެއީ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީއާއި، އަޙްމަދު މުޢާޒުއާއި، އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، 8 އޯގަސްޓް 2014 ދުވަހުގެ ދަންވަރު އަހްމަދު ރިޟްވާން ޢަބްދުﷲ ރަހީނުކޮށް މަރާލާފައިވާތީވެ ކުރާ ދަޢުވާކަމަށް ޕީޖީން ވިދާޅުވެއެވެ.