ޚަބަރު

ރަޝިޔާއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާ: ޕުޓިން


ރަޝިޔާއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާ ކަމުގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ. ރަޝިޔާގެ ކަނޑުގެ ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވަނީ، ރަޝިޔާގެ ކަނޑުގެ ސިފައިންގެ އައު ލަނޑުދަނޑިތައް އިފުތިތާހު ކޮށްދެއްވާފައެވެ.

އެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަމަކީ ދުނިޔޭގެ ކަނޑުތަކުގައި އޮތް އެމެރިކާގެ ކަނޑުގެ ސިފައިންގެ ބާރާއި ނުފޫޒު ކަނޑުވައިލުން ކަމުގައި ޕުޓިން ވިދާޅުވިއެވެ. އަދި، ރަޝިޔާގެ ކަނޑުގެ ސިފައިންނަކީ ދުނިޔޭގެ ބާރަކަށް ހެދުމަށް ވެސް އެ ޤައުމުން ވަނީ އަޒުމު ކަނޑައަޅާފައެވެ.

ޕުޓިން ވިދާޅުވީ، ދުނިޔޭގެ ކަނޑުތައް ކޮންޓްރޯލް ކުރަން އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، އިތުރު ޤައުމުތައް ނޭޓޯއާ ގުޅި، އެ އިއްތިހާދު ފުޅާވަމުން ދިޔުމަކީ ވެސް ރަޝިޔާއަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެ ޤައުމުން ސިފަ ކުރެއެވެ.

ރަޝިޔާގެ ކަނޑުގެ ސިފައިން ޤާބިލިއްޔަތު ކަން އިތުރު ކުރަން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ޕުޓިން ވިދާޅުވިއެވެ. މި ގޮތުން، އެ ޤައުމުގެ މަނަވަރުތަކުގައި ޒިރްކޯން މަރުކާގެ ހައިޕަސޮނިކް މިސައިލް ސިސްޓަމްތައް ހަރު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަން އޭނާ އިޢުލާނު ކުރެއްވިއެވެ.

ރަޝިޔާއިން ބްލެކް ސީއާއި އަޒޮވް ސީގައި ހިންގާ ހަރަކާތްތައް އިތުރަށް ފުޅާ ކުރަން މަސައްކަތް ކުރުމަށާއި، އާކްޓިކް ކަނޑުގެ ސަރަޙައްދުގައި އޮޕަރޭޝާންތަކެއް ހިންގުމަށް ވެސް ރަޝިޔާއިން މި ވަނީ އަޒުމް ކަނޑައަޅާފައެވެ. ރަޝިޔާގެ ކަނޑުގެ އައްސޭރިފަށުގެ ދިގުމިނަކީ 37,650 ކިލޯމީޓަރެވެ.