ޚަބަރު

ފިލިޕީންސްގެ ކުރީގެ ރައީސް ރާމޯސް އަވަހާރަވެއްޖެ


ފިލިޕީންސްގެ ކުރީގެ ރައީސް ފިޑެލް ވޮލްޑޭޒް ރާމޯސް އަވަހާރަ ވެއްޖެއެވެ. 1992 ވަނަ އަހަރުން ފެށިގެން 1998 ވަނަ އަހަރާ ހަމައަށް ރައީސް ކަން ކުރެއްވި ރާމޯސް އަވަހާރަ ވީއިރު އުމުރު ފުޅަކީ 94 އެވެ. ފިލިޕީންސްގައި ޚުދުމުހުތާރު ވެރިކަމެއް ކުރެއްވި ފަރޑިނާންޑް މާކޯސް ސީނިއަރގެ ވެރިކަމުގައި ރާމޯސް ވަނީ އެ ޤައުމުގެ އަސްކަރިއްޔާގައި އިސް ދައުރެއް އަދާ ކުރައްވާފައެވެ.

މާކޯސްގެ ވެރިކަން ދިފާޢު ކުރުމަށް ރާމޯސް ގިނަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް، އޭނާ ވަނީ އަސްކަރިއްޔާގެ މަޤާމު ދޫކުރައްވާ، މާކޯސްގެ ސަރުކާރާ ފޭއަށް ޖެހިވަޑައިގަންނަވާފައެވެ. މި ކަމާ ގުޅިގެން އޭނާއަށް އޮތް މަޤުބޫލު ކަން އިތުރުވި ނަމަވެސް، ގިނަ ބަޔަކު އޭނާ ހަނދާން ކުރަނީ، ކުއްލި ހާލަތު އިޢުލާނުކޮށް، މާކޯސްގެ ވެރިކަން ދަމަހައްޓަން އޭނާ ކުރެއްވި މަސައްކަތްތަކުންނެވެ. ނަމަވެސް، މާކޯސްގެ ވެރިކަން ވައްޓައިލުމަށް 1986 ވަނަ އަހަރު ހިންގި އިންޤިލާބުގައި ވެސް އޭނާ ވަނި އިސް ދައުރެއް އަދާ ކުރައްވާފައެވެ.

ރާމޯސް އަސްކަރީ ތަމްރީނުތައް ފުރިހަމަ ކުރެއްވީ އެމެރިކާގައެވެ. އަދި، ކޮރެޔާ ހަނގުރާމައާއި ވިއެޓްނާމް ހަނގުރާމައިގައި އޭނާ ވަނީ އިސް ދައުރެއް އަދާ ކުރައްވާފައެވެ. ފިލިޕީންސްގެ އަސްކަރިއްޔާގެ ސެކަންޑް ލެފްޓިނެންޓްގެ މަޤާމުން ފެށިގެން މަތީގެ ހުރިހާ މަޤާމެއް އޭނާ ފުރުއްވާފައިވެއެވެ.

1992 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ރައީސް ކޮރަޒޯން އަކުއިނޯއާ ވާދަ ކުރައްވާ ރާމޯސްއަށް ކާމިޔާބީ ލިބުނީ ވަރަށް ހަނި އަޤުލަބިއްޔަތަކުންނެވެ. އޭނާއަށް ކާމިޔާބު ކުރެވުނީ 23 އިންސައްތަ ވޯޓެވެ. އޭނާގެ ވެރިކަން ފާހަގަވެގެން ދިޔައީ ޤައުމަށް ހަމަޖެހުމާއި، ޞުލްޙައާއި، ތަރައްޤީއާއި، ކުރިއެރުން ގެނެސްދިން ވެރިކަމެއްގެ ގޮތުގައެވެ. އޭނާ ފާހަގަ ކުރެވިފައި ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ޤައުމު ހުޅުވައިލާ، އިންވެސްޓްމެންޓްތަކަށް ޤައުމު ފައްކާކޮށްދިން ލީޑަރެއްގެ ގޮތުގައެވެ.

އޭނާ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު، އެ ޤައުމުގެ ފަޤީރުންގެ ނިސްބަތް ހުރީ އާބާދީގެ 39 އިންސައްތައިގައެވެ. ނަމަވެސް، ރާމޯސްގެ ވެރިކަމުގައި އެ އަދަދު ވަނީ 31 އިންސައްތައަށް ތިރި ކުރައްވާފައެވެ. އަދި، ފިލިޕީންސްގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދިޔަ ހަތިޔާރު އެޅި ޖަމާޢަތްތަކާ އެކު ޞުލްޙަ ޤާއިމުކޮށް، ޤައުމަށް ހަމަޖެހުން ގެނުވިއެވެ.

އޭނާ އަވަހާރަވުމާ ގުޅިގެން ފިލިޕީންސްގެ މިހާރު ރައީސް ފަރޑިނާންޑް މާކޯސް ޖޫނިއަރ ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. އޭނާއަކީ، ކުރީގެ ރައީސް މާކޯސްގެ ދަރިކަލުންނެވެ. ރާމޯސްގެ ވަކިވެދިޔުން އޭނާ ސިފަ ކުރައްވާފައި ވަނީ، ޢާއިލާގެ ގާތް މެންބަރެއް ވަކިވުމާ އެއްފަދަ ކަމެއްގެ ގޮތުގައެވެ.