ކުޅިވަރު

ޓީސީ ބަލިކޮށް ގްރީން ސްޓްރީޓްސްއިން ގަދަ ހަތަރެއް ކަށަވަރުކޮށްފި


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް މި ފަހަރުގެ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ކުލަބު ގްރީން ސްޓްރީޓްސްއިން ކަށަވަރުކޮށްފިއެވެ.

އާދީއްތަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ގްރީނުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ބޯ ވިއްސާރައިގައި ކުޅުނު މި މެޗުގައި ދެ ޓީމަށްވެސް އުނދަގޫތަކެއް ކުރިމަތިވިއެވެ. ޚާއްސަކޮށް ދަނޑުގައި ފެން ހެދުމާއި، ވަރަށް ބޮޑަށް ދަނޑު ޗަކަވުމުގެ ސަބަބުން ދެ ޓީމަށްވެސް ތިރިން ކުޅެން އުނދަގޫވެ، ގިނަ ފައުލުތަކެއް މި މެޗުގައި ފެނިގެންދިޔައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވިއެވެ. ނަމަވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލިބިގެންދިޔައިރު، ޚާއްސަކޮށް ގްރީންއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ގްރީނުން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 59 ވަނަ މިނެޓުގައި މުޙައްމަދު ސާއިފް ކާމިޔާބުކުރި ލަނޑަކުންނެވެ. މިއީ ހިލޭ ޖެހުމަކުން އަންޞަރު އިބްރާހީމް (އަންކޮ) ނަގައިދިން ބޯޅަ، ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައުމުން ސާއިފް ކާމިޔާބުކުރި ލަނޑެކެވެ.

ގްރީންގެ ދެވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޖައިލަމް (އޮގީ) އެވެ. އެކަމަކު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ޓީސީން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ޖަހައިދިނީ މުޙައްމަދު މުސްލިހު (މުއްޓި) އެވެ. މިއީ އޭރިއާ ތެރެއިން ޓީސީގެ އިބްރާހިމް ނޫރައްދީނަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

މި ނަތީޖާއާއެކު މި ދެ ޓީމަށްވެސް މި ސީޒަނުގެ ލީގު ވަނީ ނިމިފައެވެ. އަދި މި މޮޅާއެކު ގްރީނުން ތާވަލުގެ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރީ ކުޅުނު 21 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމު މި ވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އަދި ޖުމްލަ 28 ޕޮއިންޓާއެކުމި ފަހަރުގެ ސީޒަން ނިންމާލި ޓީސީ މި ވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.