ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑާއި އެއްގޮތަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން މިކަމަށް އިލްތިމާސްކުރެއްވީ އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައެވެ.
މީޑިއާ ކައުންސިލްގެ ބަޔާނުގައި ބުނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ޤާނޫނު އަސާސީން ލިބިދީފައިވީހިނދު، އެ މިނިވަންކަމުގެ ހައްޤަކީ ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާއިއެކު ބޭނުންކުރަންޖެހޭނެ ހައްޤެއްކަމުގައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަމަށެވެ.
އެހެންކަމުން ނޫސްވެރިންނާއި މީޑިއާތަކުން އެ ހައްޤު ބޭނުންކުރުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޤާނޫނާއި ޤަވާއިދަށާއި އަދި ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާގީ މިންގަޑާއި އެއްގޮތަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ނޫސްވެރިންނާއި މީޑިއާތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.
ޚާއްސަ ގޮތެއްގައި އާންމު ފަރުދުންގެ އަބުރަށް ނުވަތަ ހައްޤަކަށް އުނިކަމެއް އަތުވެދާނެފަދަ މައުލޫމާތަކަށްވާނަމަ އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ އެ މައުލޫމާތެއް ފެތުރުމަކީ މީޑިއާ ކައުންސިލްގެ ޤާނޫނާއި ދިވެހި މީޑިއާގެ އާންމު ހަމަތަކާވެސް ޚިލާފުކަމެއްކަމަށް އެ ކައުންސިލުން ފާހަގަކުރެއެވެ. އަދި ޚަބަރު ފެތުރުމުގައި އެކަމެއްގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއްގެވެސް ބަސް ހިމަނައިގެން ޙަބަރާއި މައުލޫމާތު ޝާޢިއުކުރުމަށް ކައުންސިލްގެ ޤަވާއިދުން މީޑިއާތަކަށް ލާޒިމުކުރާކަމަށް މީޑިއާ ކައުންސިލްގެ ބަޔާނުގައިވެއެވެ.
އެހެންކަމުން ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑުގައި މީޑިއާގެ ވަސީލަތްތަކުގައި ޝާޢިޢުކުރާ ޙަބަރާއި މައުލޫމާތަކީ ސައްހަ ތެދު މައުލޫމާތުކަން ކަށަވަރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެއިތުރުން އިސްލާމްދީނާއި ޚިލާފު ޚަބަރާއި މައުލޫމާތުތާއި، މުޖުތަމައުގެ އާންމު އަޚުލާޤީ މިންގަނޑާ ޚިލާފު މައުލޫމާތާއި ޚަބަރު ނުފެތުރުމަށާއި، ސައްހަ މަސްދަރުތަކުން ހޯދާ މައުލޫމާތާއި ޚަބަރު ނޫނީ ނުފެތުރުމަށްވެސް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.