ޚަބަރު

ޖަލުގައި ތިބި މީހުން މަރުވި ހާދިސާ ތަހުޤީޤު ކުރަން ރަޝިޔާއިން ގޮވައިލައިފި


ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިނުގެ ދޮނެޓްސް ސަރަޙައްދުގެ ރަށެއް ކަމުގައިވާ އޮލެނިވްކާގައި ހުރި ޖަލެއްގައި ހައްޔަރު ކޮށްފައި ތިބި ގިނަ އަދަދެއްގެ ޔޫކްރެއިން ސިފައިން މަރުވި ހާދިސާ ތަހުޤީޤު ކޮށްދިނުމަށް ރަޝިޔާއިން އ.ދ.އާއި ރެޑް ކްރޮސްގެ ކިބައިން އެދިއްޖެއެވެ. އެ މީހުން މަރުވީ ޔޫކްރެއިނުގެ ސިފައިން ދިން ރޮކެޓް ހަމަލާތަކެއްގައި ކަމުގައި ރަޝިޔާއިން ތުހުމަތު ކުރެއެވެ.

ނަމަވެސް، މި ކަން ދޮގުކޮށް ޔޫކްރެއިނުން ބުނަނީ، އެ ތަނުގައި ތިބި މީހުން މަރުވީ ރަޝިޔާ ސިފައިން ބާރުގަދަ އެއްޗެއް ގޮއްވައިލައިގެން ދިން ހަމަލާއެއްގައި ކަމުގައެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 53 އަށް އަރާފައެވެ.
"އަމަލު ކުރަމުން މި ދަނީ، ދެ ފުށް ފެންނަ، ފުރިހަމަ ތަހުޤީޤެއް ހިންގުމުގެ ފުރުޞަތު ދެވޭނެ ގޮތަށް،" މި ހާދިސާ ތަހުޤީޤު ކޮށްދިނުމަށް އެދި އ.ދ.އާއި ރެޑް ކްރޮސްގެ ކިބައިގެން އެދެމުން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުންޏެވެ.

ޖަލުގައި ތިބި ޔޫކްރެއިން ސިފައިންނާ ދެކޮޅަށް ރަޝިޔާއިން އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގަމުންދާ ކަމުގައި ވެސް ޔޫކްރެއިނުން ތުހުމަތު ކުރެއެވެ. އަދި، އެ މީހުން މަރައިލާފައި ވަނީ، ހަނގުރާމައިގެ ކުށްތައް ފޮރުވުމުގެ ބޭނުމުގައި ކަމަށް ވެސް ޔޫކްރެއިނުން ބުނެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވަނީ މި ހާދިސާއާ ގުޅިގެން ޔޫކްރެއިނުގެ ޚާރިޖީ ވަޒީރު ދިމިތްރީ ކުލެބާއަށް ފޯނުން ގުޅުއްވައި، ވާހަކަފުޅު ދައްކަވާފައެވެ. އަދި، މިއީ ވަރަށް ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ސިފަ ކުރައްވައި، އޭނާ ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.

އޮލެނިވްކާގައި ހުންނަ ޖަލަކީ، ރަޝިޔާއިން އެއްބާރުލުން ދޭ ހަތިޔާރު އެޅި ޖަމާޢަތެއްގެ ބާރުގެ ދަށުގައި އޮތް ތަނެކެވެ. އަދި، އެ ތަނުގައި ހައްޔަރު ކޮށްފައި ތިބި ޔޫކްރެއިން ސިފައިން މަރުވީ ޔޫކްރެއިނުން ދިން ހައިމާސް މަރުކާގެ ރޮކެޓް ހަމަލާއެއްގައި ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ. ހައިމާސް ރޮކެޓް ސިސްޓަމަކީ އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ ބަރު ހަތިޔާރެކެވެ.

ޔޫކްރެއިނުގެ އަސްކަރިއްޔާއިން ވަނީ ރަޝިޔާގެ ފައުޖުތަން ހިފާފައިވާ އެ ޤައުމުގެ ސަރަޙައްދުތައް މިނިވަން ކުރުމަށް ވަރުގަދަ އަސްކަރީ ކެމްޕޭނެއް ފަށާފައެވެ. މި ކެމްޕޭންގެ ދަށުން ދެކުނުގައިވާ ޚަރްސަންގައި ރަޝިޔާ ސިފައިން ތިބި ސަރަޙައްދުތަކަށް ޔޫކްރެއިނުން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި، ގިނަ އަދަދެއްގެ ރަޝިޔާ ސިފައިން މަރައިލާފައިވާ ކަމަށް ވެސް ޔޫކްރެއިނުން ބުނެއެވެ.

މި ކެމްޕޭން އިތުރު ހިސާބުތަކަށް ފުޅާ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި ގޮތުން، އެ ޤައުމުގެ އުތުރުގައިވާ ދޮނެޓްސްކާއި ދޮންބެސްގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ގޮވައިލައްވާފައެވެ. ދޮނެޓްސްކްގެ ގިނަ ހިސާބުތަކަށް ރަޝިޔާ ސިފައިން ވަނީ އަތްގަދަ ކޮށްފައެވެ.