ޚަބަރު

މުޒާހަރާތަކާ ގުޅިގެން މާލީ އެހީ ހޯދަން ގޮންޖެހުންތަކެއް ކުރިމަތިވި: ރަނިލް


ސްރީލަންކާގެ މާލީ ހާލަތު ރަނގަޅުކޮށް، އެ ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)އާ އެކު ކުރި މަޝްވަރާތަކަށް ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގެ ނޭދެވޭ އަސަރު ކޮށްފައިވާ ކަމުގައި ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ. އޭނާ މި ވަނީ، ރައީސް ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް އެ ޤައުމުގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ކަމުގެ މަޤާމަށް ވިކްރަމަސިންހަ އިންތިޚާބު ކޮށްފައި ވަނީ، ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ޤައުމު ދޫކުރައްވާ ސިންގަޕޫރަށް ވަޑައިގަންނަވައި، އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ ޤައުމު ދޫކުރައްވާ ވަޑައިގެންނެވީ، ސަރުކާރާ ދެކޮޅަށް ރައްޔިތުން ނިކުމެ، ފެށި ސިލްސިލާ މުޒާހަރާތަކަކާ ގުޅިގެންނެވެ.

އައި.އެމް.އެފް.އާ އެކު ކުރި މަޝްވަރާތަކާ ގުޅޭ ގޮތުން ވިކްރަމަސިންހަ ވިދާޅުވީ، އޭނާ ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުންނެވި އިރު، އެ ޤައުމަށް މާލީ އެހީތެރިކަން ހޯދުމަށް އައި.އެމް.އެފް.އާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމުގައެވެ. އަދި، އޮގަސްޓު މަހުގެ ތެރޭގައި އައި.އެމް.އެފް.އިން ލޯނެއް ހޯދުމަށް ކުރި މަސައްކަތްތަކަށް، މުޒާހަރާތަކާ ގުޅިގެން ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

މިފަދަ އެއްބަސްވުމެއް އެކުލަވައިލުމުގެ މަޝްވަރާތައް އަލުން ފަށާފައި ވީ ނަމަވެސް، ދެން އެންމެ އަވަހަށް ވެސް އެއްބަސްވުމެއް އެކުލަވައިލެވޭނެ ކަމަށް ބެލެވެނީ ސެޕްޓެންބަރު މަހުގެ ތެރޭގައި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ސްރީލަންކާއިން ބޭރުގެ އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ދަރަނީގެ އަދަދު މިހާރު ވަނީ 12 ބިލިޔަން ޑޮލަރަށް އަރާފައެވެ.