ޚަބަރު

ބާރުގަދަ ތޫފާނެއް ޗައިނާއާ ދިމާލަށް


ބާރުގަދަ ތޫފާނެއް ކަމުގައިވާ "ސޮންގްޑާ" ޗައިނާގެ އިރުމަތީގެ ސަރަޙައްދުތަކާ ދިމާލަށް ދަތުރުކުރަމުން އެބަދެއެވެ. މި ތޫފާން މިހާރު ދަތުރު ކުރަމުން ދަނީ ޗައިނާގެ ވިޔަފާރީގެ މަރުކަޒީ ރަށް ޝެންގްހާއީއާ އުތުރުން އޮންނަ ޖިއަންގްސޫ ޕުރޮވިންސުގެ އަށްސޭރިފަށުން 450 ކިލޯމީޓަރު ދުރުގައެވެ.

މި ތޫފާން ޝެންގްހާއީއަށް އަރާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، ޗައިނާގެ މޫސުމާ ބެހޭ އިދާރާއިން ބުނަނީ ތޫފާނުގެ އަސަރު ޝަންގްހާއީ ނުކުރާނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ. ނަމަވެސް، އެ ސަރަޙައްދުގެ އެހެން ރަށްތަކަށް ވައި ގަދަވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

މި ތޫފާނާ އެކު ވައި ގަދަވުމުގެ ސަބަބުން ޖިއަންގްސޫގެ ދެކުނުގެ ސަރަޙައްދުތަކާއި ޒޭޖިއާންގް ޕުރޮވިންސުގެ އިރުއުތުރުގެ ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރެއެވެ. އޮގަސްޓު 1 ގައި މި ތޫފާނުގެ ބާރު ކެނޑޭނެ ކަމަށް ބެލެވުނު ނަމަވެސް، އެ ސަރަޙައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވެއެވެ. އެ ސަރަޙައްދަކީ ކަނޑު ދަތުރުފަތުރުގެ މައި މަގެކެވެ.