ޚަބަރު

އަނަނިޔާއަށް އާރިޔަން ޚާން ވަރަށް ކަމުދޭ


ކަރަން ޖޯހަރް ހުށަހަޅައިދޭ ޓޯކް ޝޯވ "ކޮފީ ވިތް ކަރަން" ގެ 7 ސީޒަންގެ އެންމެ ފަހުން ގެނެސްދިން އެޕިސޯޑުގެ މެހްމާނުންނަކީ އަންނަ މަހު ފަހުކޮޅު ރިލީޒްކުރާ ފިލްމު "ލައިގާ" ގެ ދެތަރިން ކަމަށްވާ އަންނިޔާ ޕާންޑޭ އާއި ވިޖޭ ދެވަރަކޮންޑާއެވެ.

ޝޯވގައި ދެއްކި ވާހަކަތަކުގެ ތެރެއިން އަނަނިޔާ ވަނީ އޭނާގެ ފުރާވަރުގެ ކްރަޝްއާއި ބެހޭގޮތުން ވާހަކައްދައްކާފައެވެ. އަނަނިޔާ ބުނިގޮތުގައި އޭނާގެ ކްރަޝްއަކީ ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އާރިއަން ޚާނެވެ.

"އަހަންނަށް ވަރަށް ރީތި އޭނަ. އަނެއްކާ އެހާ ކިއުޓް. ފުރާވަރުގެ ދުވަސްވަރު އެންމެ ބޮޑު ކްރަޝް އަކީ އެއީ،" އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު ބުންޏެވެ. "އެކަމަކު އަހަންނަކަށް ނޭނގޭ ފަހުން އެކަން ބަދަލުވެގެން ދިޔަ ގޮތެއް" އަނަނިޔާ ޝޯވގައި ބުނެފައިވެއެވެ.

އަނަނިޔާ އަކީ ޝާހްރުކްގެ އަންހެން ދަރިފުޅު ސުހާނާ ޚާންގެ ވެސް ވަރަށް ގާތް އެކުވެރިއެކެވެ. މިދިޔަ އަހަރު އާރިއަން މަސްތުވާތަކެތީގެ ތުހުމަތެއްގައި ހައްޔަރުކޮށް، އެ މައްސަލަ ބެލިއިރު ނާކޮޓިކްސް ކޮންޓްރޯލް ބޯޑުން ވަނީ އަނަނިޔާއާއިވެސް ސުވާލުކޮށްފައެވެ.

އާރިއަން އަކީ ކްރަޝްއެއް ކަމަށް އަނަނިޔާ ބުނި އިރު، އަޑުއަރާފައިވާގޮތުގައި އޭނާ ރައްޓެހިވެގެން އުޅެނީ "އާޝިގީ 2" ގެ ތަރި އަދިތްޔާ ރޯއި ކަޕޫރާއެވެ. އެކަމާ ބެހޭ ގޮތުން ކަރަންގެ ޝޯވގައި ސުވާލުކުރުމުން އަނަނިޔާ ބުނީ އަދިތިޔާ އަކީ "ވަރަށް ހޮޓް" ފިރިހެނެއް ކަމަށެވެ.

އަނަނިޔާ މީގެކުރިން ރައްޓެހިވެގެން އުޅުނީ ޝާހިދު ކަޕޫރުގެ ކޮއްކޮ އަދި ޖާންވީ ކަޕޫރާއެކު ފިލްމު "ދަޅަކް' އިން ފެނުނު ތަރި އިޝާން ކައްތަރާއެވެ. މި ދެމީހުން ރުޅިވީ މި އަހަރުގެ ކުރީކޮޅުއެވެ.