ޚަބަރު

މަކުނުވިދުރި: ސްޕެއިންގައި ދެވަނަ މަރު، ނިއު ޔޯކް ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތަށް


މަކުނުވިދުރި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެމެރިކާގެ އިރުއުތުރުގައިވާ ނިއު ޔޯކް ސްޓޭޓްގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފިއެވެ. މި ކަން އިޢުލާނު ކޮށްފައި ވަނީ އެ ސްޓޭޓްގެ ގަވަރުނަރު ކެތީ ހޯޗުލްއެވެ. އެމެރިކާގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ނިއު ޔޯކް ސިޓީ އޮންނަނީ މި ސްޓޭޓްގައެވެ.

"ނިއު ޔޯކް ސްޓޭޓްގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު މި އިޢުލާނު ކުރަނީ، ހަލުވި ކަމާއެކު މަކުނުވިދުރި ފެތުރެމުން ދާތީ، އެ ކަން ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން،" ހޯޗުލް ވިދާޅުވިއެވެ. އެމެރިކާގައި މި ބަލި ޖެހިފައިވާ ކޮންމެ ހަތަރު މީހަކުން އެކަކު ދިރިއުޅެނީ ނިއު ޔޯކް ސްޓޭޓްގައެވެ.

އެ ސްޓޭޓްގައި މަކުނުވިދުރި ޖެހިފައިވާ މީހުންގެ އަދަދު މިހާރު 1,383 އަރާފައިވާ ކަމަށް ނިއު ޔޯކްގެ ޞިއްޙަތާ ބެހޭ އިދާރާއިން ބުނެއެވެ. އަދި، އެމެރިކާގައި މި ބަލި ޖެހިފައިވާ މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 3,590 އަށްވުރެ މައްޗަށް އަރާފައެވެ.

"މި ބަލީގެ އަލާމާތްތައް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ފަށަނީ ބަލި ޖެހޭތާ ތިން ވަރަކަށް ހަފުތާ ފަހުން. އެހެންވީމާ، މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ބޮޑު ތަނުން އިތުރުވެގެން ދާނެ ކަމަށް ބެލެވޭ. ޚާއްޞަކޮށް، އޮގަސްޓު މަހުގެ ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާނެ،" އެމެރިކާގެ ސެންޓަރސް ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރ ރޮޝޭލް ވަލެންސްކީ ވިދާޅުވިއެވެ.

އެމެރިކާގައި ދެ ކުޑަކުދިންނަށް ވެސް ވަނީ މި ބަލި ޖެހިފައެވެ. އަދި، މާބަނޑު އަންހެނަކަށް ވެސް މި ބަލި ޖެހިފައިވާ ކަމަށް އެމެރިކާގެ ޚަބަރު ފަތުރާ ސީ.ބީ.އެސް.އިން ރިޕޯޓު ކޮށްފައިވެއެވެ. އެ މީހާ މިހާރު ވިހައިފައިވާ ކަމަށާއި، ދެ މައިންގެ ހާލު ވެސް ރަނގަޅުވަމުން އަންނަ ކަމުގައި ސީ.ބީ.އެސް.އިން ރިޕޯޓު ކުރެއެވެ.

މި ބަލި ޖެހިފައިވާ މީހުން އެންމެ ގިނައީ ސްޕެއިންގައެވެ. އެ ޤައުމުގައި މި ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 4,298 އަށް އަރާފައެވެ. އަދި، އިނގިރޭސި ވިލާތާއި ޖަރުމަނު ވިލާތުގައި، ކޮންމެ ޤައުމެއްގައި، މި ބަލި ޖެހިފައިވާ މީހުންގެ އަދަދު 2,400 އަށްވުރެ ގިނައެވެ.

ސްޕެއިންގައި މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ ދޭކަށް އަރާފައެވެ. މިއީ، ވިލާތުގެ ޤައުމަކުން މި ބަލީގައި މަރުވި ދެވަނަ މީހާއެވެ. އަދި، އެފްރިކާ ބައްރުގެ ބޭރުން މި ބަލީގައި މަރުވި ތިންވަނަ މީހާއެވެ. ބްރެޒިލްއިން ވެސް ވަނީ މި ބަލީގައި މީހަކު މަރުވެފައިވާ ކަން އިޢުލާނު ކޮށްފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ޖުލައި 22 ވަނަ ދުވަހު ވަނީ މި ބަލީގައި ޖުމުލަ ފަސް މީހަކު މަރުވެފައިވާ ކަން އިޢުލާނު ކޮށްފައެވެ. މި އެންމެންނަކީ ވެސް އެފްރިކާ ބައްރުގެ ޤައުމުތަކުގެ މީހުންނެވެ.

މަކުނުވިދުރިއަކީ ޢާންމު ޞިއްހަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ޑަބްލިޔު.އެޗް.އޯ.އިން ކަނޑައަޅާފައި ވަނީ ޖުލައި 23 ވަނަ ދުވަހުއެވެ. މި ބަލި 79 ޤައުމަކުން ފެނިފައި ވާއިރު، ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 22,485 އަށްވުރެ މައްޗަށް އަރާފައެވެ.

އޭޝިޔާ ބައްރުގައި މި ބަލި ފެތުރެމުންދާ ޤައުމުތަކުގެ ތެރޭގައި އިންޑިޔާ، ޖަޕާން، ފިލިޕީންސް، ސިންގަޕޫރު، ދެކުނު ކޮރެޔާ، ޓައިވާން އަދި ތައިލެންޑު ހިމެނެއެވެ. އިންޑިޔާއިން މި ބަލި ޖެހިފައިވާ ހަތަރު މީހުން ފެނިފައި ވާއިރު، ތައިލެންޑުގައި ދެ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.