މިއަހަރުގެ 2ވަނަ ކުއާޓަރގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)އަށް އާމްދަނީގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މިއީ އަހަރުގެ ފުރަތަމަ ކުއާޓަރއާއި އަޅާބަލާއިރު %22ގެ ކުރިއެރުމެކެވެ.
އެސްޓީއޯއިން ވިދާޅުވީ 2ވަނަ ކުއާޓަރގައި އެ ކުންފުނީގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ވިއްކި ތެލުގެ ޖުމްލަ އާމްދަނީ އޭގެ ކުރީ ކުއާޓާރއާއި އަޅާބަލާއިރު އިތުރުވެފައިވުމެވެ.
ޓެސްކްއަށް ކެނޑުމުގެ ކުރިން މިއަހަރުގެ 2ވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 188 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު %6ގެ ކުރިއެރުމެކެވެ.
ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވި ނަމަވެސް ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ ވަނީ އަހަރުގެ ފުރަތަމަ ކުއާޓަރއާއި އަޅާބަލާއިރު 11 މިލިއަން ރުފިޔާ ދަށްވެފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ. މިއީ %2ގެ ދަށްވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި މަތިވެގެން ދިިޔަ މިންވަރަށް އެސްޓީއޯއިން ވިއްކާފައިވާ ތެލުގެ އަގު އެ ނިސްބަތުން އިތުރުކޮށްފައިނުވުންކަމަށް އެސްޓީއޯއިން ބުނެއެވެ.
ކުންފުނީގެ ޖުމްލަ ފައިދާ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއި ދަށްވިކަމުގައި ވީނަމަވެސް، ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 217 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބެއްކަމަށް އެސްޓީއޯއިން ބުނީ ކުންފުނީގެ އެހެނިހެން އާމްދަނީ އިތުރުވުމާއިއެކު ހިންގުމުގެ ހަރަދު ކުޑަކުރެވިފައިވުމެވެ. އަދި ކުންފުނީގެ ސަބްސިޑަރީތަކުން ލިބިފައިވާ ޑިވިޑެންޑް އެކައުންޓް ކުރުމާއިއެކު ކުންފުނީގެ ނެޓް ފައިނޭންސް ކޮސްޓް ވަނީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު %10 ދަށްވެފައިކަމަށް އެސްޓީއޯއިން ބުނެއެވެ.