ޚަބަރު

ކެންޓަކީގައި ފެންބޮޑުވެ މަރުވި މީހުންގެ ޢަދަދު 16އަށް


އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ކެންޓަކީއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 16އަށް އަރައިފިއެވެ. ކެންޓަކީއަށް އެރި ތޫފާނެއްގައި ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކެންޓަކީގެ އިރުމަތީގެ ގިނަ ސަރަޙައްދުތަކެއް މިހާރު އޮތީ ފެނު އަޑީގައެވެ.

ކެންޓަކީގެ ގަވަރުނަރު އެންޑީ ބެޝިއަރ ވިދާޅުވީ "ހައިރާންކުރަނިވި" ވަރަކަށް ބޮޑުވެފައިވާ ފެންގަނޑު ޢިމާރާތްތަކުގެ ފުރާޅުތަކާ ހަމައަށް އުފުލިފައިވާ ކަމަށާއި، މަރުވި 16 މީހުންގެ ތެރޭގައި ހަ ކުޑަކުދިން ވެސް ހިމެނޭ ކަމުގައެވެ. އަދި، ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު، މި އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މިއީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކެންޓަކީއަށް ކުރިމަތިވި މޫސުމާ ގުޅޭ ދެވަނަ ކާރިސާއެވެ. އަދި، މިހާ ބޮޑަށް އެ ސްޓޭޓްގައި ފެންބޮޑުވި ފުރަތަމަ ފަހަރެވެ. މީގެ ހަތް މަސް ކުރިން އެ ސްޓޭޓްގެ ހުޅަނގުގެ ސަރަޙައްދުތަކަށް ވަނީ ގިނަ އަދަދެއްގެ ނަގޫރޯޅިތަކެއް ވެސް އަރާފައެވެ. އެ ހާދިސާތަކުގައި 80އަށްވުރެ ގިނަ މީހުން މަރުވިއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކެންޓަކީގެ އިރުމަތީގެ ސަރަޙައްދުތަކަށް 5 އާއި 10 އިންޗިއާ ދެމެދުގެ މިންވަރަކަށް ވާރޭ ވެހުނު ކަމުގައި މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. މި ވިއްސާރައިގެ އަސަރު ކެންޓަކީއާ އިންވެގެން އޮންނަ ވަރޖިނިޔާގެ ހުޅަނގުގެ ސަރަޙައްދުތަކަށް ވެސް ކޮށްފައިވެއެވެ. އަދި، ފެންބޮޑުވުމާ ގުޅިގެން އެ ދެ ސްޓޭޓްގެ 22,000 ގެޔާއި 2,000 އަށްވުރެ ގިނަ ޢިމާރާތުން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައެވެ.