ޚަބަރު

ފެންބޮޑުވެގެން ތެހެރާނުގައި މަރުވި މީހުންގެ ޢަދަދު 53އަށް


އީރާނުގެ ވެރިރަށް ތެހެރާނަށް ބޯކޮށް ވާރޭވެހި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 53އަށް އަރައިފިއެވެ. ހުއްޓުމެއް ނެތި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އީރާނުގެ 31 ޕުރޮވިންސުގެ ތެރެއިން 18 ޕުރޮވިންސެއްގައި 400 އަށްވުރެ ގިނަ ރަށްތަކާއި އަވަށްތަކުގައި ވަނީ ފެންބޮޑުވެފައެވެ.

ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު 16 މީހަކު ހޯދުމަށް އޮފިޝަލުން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ އަލްބުރްޒު ފަރުބަދަ ކައިރީގައިވާ ރަށްތަކަށެވެ. އަދި، އެ ސަރަޙައްދުގެ ގިނަ މަގުތައް ވަނީ މުޅިން ބަންދުވެފައެވެ. މީގެ ތެރެއިން ފީރޫޒް ކޫހް ކިޔާ ރަށަކުން އެކަނި ވެސް 10 މީހުން މަރުވެފައިވާ ކަމަށް ތެހެރާނުގެ ގަވަރުނަރު މުޙުޞިން މަންޞޫރީ ވިދާޅުވިއެވެ.

ފީރޫޒް ކޫހްއަކީ ޗުއްޓީ ހޭދަކުރާ މީހުންގެ މެދުގައި މަޤުބޫލު ރަށެކެވެ. އަދި، އެ ރަށުގެ ފަރުބަދަމަތީ ހިސާބުތަކުގައި ހިނގައިލުމަށް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ބަޔަކު އެ ސަރަޙައްދަށް ޒިޔާރަތް ކުރެއެވެ. ނަމަވެސް، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގަމުންދާތީ، އެ ސަރަޙައްދަށް ދަތުރު ނުކުރުމަށް ތެހެރާނުގެ އޮފިޝަލުން މިހާރު ވަނީ އިރުޝާދު ދީފައެވެ.

މީގެ އިތުރުން، ބިންގަނޑު ކަނޑައިގެން ދިޔުމުގެ އެންމެ ނުރައްކާތެރި ހާދިސާ ހިނގާފައި ވަނީ އިމާމްޒާދީ ދާވޫދު ކިޔާ ރަށެއްގައެވެ. މި ހާދިސާއާ ގުޅިގެން ގެއްލުނު ކަމަށް ބެލެވޭ 14 މީހަކު ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، ތެހެރާނުގެ ދެކުނުގައިވާ ފަރްސްގައި ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ އަދަދު ވަނީ 22 އަށް އަރާފައެވެ.