ޚަބަރު

ބިންހެލުމުގައި ހާލުގައި ޖެހުނު ފިލިޕީންސް ރައްޔިތުންނަށް އެހީފޯރުކޮށްދެނީ


ފިލިޕީންސްގެ މައި ރަށް ކަމުގައިވާ ލުޒޯންގެ އިރުމަތީގެ ސަރަޙައްދުތަކަށް ޖުލައި 27 ގައި އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ އެތައް ހާސް މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އެ ޤައުމުގެ އަސްކަރިއްޔާއިން ފަށައިފިއެވެ. ރިކްޓަރ މިންގަނޑުން 7.1ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ ހަޔަކަށް އަރާފައެވެ. ބިންހެލުމާ އެކު ބައެއް ސަރަޙައްދުތަކުގެ ބިންގަނޑު ކަނޑައިގެން ގޮސްފައި ވާއިރު، ބިންހެލުމާ ގުޅިގެން 270 މީހަކަށް ވަނީ އަނިޔާވިއެވެ.

މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އަބްރާ ޕުރޮވިންސުގެ ހަތް ރަށެއްގެ ރައްޔިތުންނަށް ކާނާއާއި ސާފު ބޯފެނުގެ އިތުރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ބިންހެލުމާ ގުޅިގެން މަގުތައް ހަލާކުވެފައި ވާތީ، އެހީގެ ތަކެތި އެ ސަރަޙައްދުތަކަށް ގެންދަނީ ވައިގެ މަގުންނެވެ.

ބިންހެލުމާ ގުޅިގެން އެ ސަރަޙައްދަށް އަދިވެސް ދަނީ އިތުރު ލޮޅުންތައް އަންނަމުންނެވެ. މިހާތަނަށް 1,000 އަށްވުރެ ގިނަ މި ފަދަ ލޮޅުން އަރާފައިވާ ކަމަށް ރެކޯޑު ކުރެވިފައިވެއެވެ. މި ކަމާ ގުޅިގެން، އެ ރަށްތަކުގެ ރައްޔިތުން މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގައި ޓެންޓު ޖަހައިގެންނެވެ. ބިންހެލުމާ ގުޅިގެން 1,600 އަށްވުރެ ގޭބީސީއާއި، 100 އަށްވުރެ ގިނަ އެހެނިހެން ޢިމާރާތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އަބްރާ ޕުރޮވިންސަރީ 250,000 މީހުން ދިރިއުޅޭ ފަރުބަދަ މަތީ ސަރަޙައްދެކެވެ. ފިލިޕީންސަކީ އަލިފާން ފަރުބަދަތައް ގިނަ، ބިންހެލުންތައް ޢާންމު "ރިންގް އޮފް ފަޔަރ" ގެ ނަން ދީފައިވާ ސަރަޙައްދުގައި އޮންނަ ޤައުމެކެވެ. އެ ޤައުމަށް ކޮންމެ އަހަރަކު އެވުރެޖުކޮށް 20 ތޫފާން އަރައެވެ. އަދި މި ތޫފާންތަކާ ގުޅިގެން ބިންގަނޑު ކަނޑައިގެން ދިޔުމުގެ އެތައް ހާދިސާއެއް ހިނގައެވެ.