ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޑަ ހެންވޭރު ޔުނައިޓެޑުގެ މައްޗަށް ދިވެހި ސިފައިންގެ ކުލަބުން ކުރި ހޯދައިފިއެވެ.
ހުކުރު ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ގްރޫޕް އެކެއްގެ މެޗުން ސިފައިންގެ ކުލަބު މޮޅުވީ ކުޑަ ހެންވޭރު އަތުން 3-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ސިފައިންގެ ކުލަބުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަވަނަ މިނެޓުގައި އަޙްމަދު ފިރާޝް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝަބީރު ރަޒޫނިޔާއެވެ.
މި މެޗުގެ 36 ވަނަ މިނެޓުގައި ކުޑަ ހެންވޭރު ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ބިދޭސީ ކުޅުންތެރިޔާ މުޙައްމަދު އަޙްމަދު ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝަމީމް އަބްދުލް ގާދިރެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޝަބީރު ވަނީ އިތުރު ލަނޑެއް ޖަހައި، ސިފައިންގެ ކުލަބަށް އަލުން ލީޑު ނަގާދީފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ސިފައިންގެ ކުލަބުން ވަނީ ލީޑު ފުޅާކޮށްފައެވެ. މުޙައްމަދު ޝަމްވީލް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ޝައިހާން ޖަލީލެވެ.
ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ކުޑަ ހެންވޭރު ޓީމުން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަޖުމަލް އަޙްމަދެވެ.
މި މެޗުން ބަލިވުމުން ކުޑަ ހެންވޭރު އޮތީ ގްރޫޕް އެކެއްގެ ތާވަލުގެ ދެވަނައިގައި ކުޅުނު ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. އަދި މެޗުން މޮޅުވީ ސިފައިންގެ ކުލަބު އޮތީ ތާވަލުގެ ހަތަރުވަނައިގައި ހަތަރު މެޗުން ހަ ޕޮއިންޓާއެކުއެވެ.
ޖުމްލަ 15 ޓީމާއެކު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި ފަހަރުގެ ދެވަނަ ޑިވިޝަން ރޭވިފައިވާ ގޮތުން ދެ ގްރޫޕުން އެންމެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ސެމީ ފައިނަލަށް ފަހު ފައިނަލަށް ހޮވޭ ދެ ޓީމު ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނަށް ހޮވޭނެއެވެ.