ކުޅިވަރު

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފި


ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގެ ބޮޑީބޯޑިން ވޯލްޑް ޓުއާގެ އެއް ލެގު ކަމަށްވާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފުތިތާހުކޮށްދެއްވައިފިއެވެ.

މިއީ ވޯލްޑް ޓުއާ މުބާރާތެއް އޭޝިއާގައިވެސް ބާއްވާ ފުރަތަމަ މުބާރާތެވެ. މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ފަށާ މި މުބާރާތް ކުރިޔަށްދާނީ އަންނަ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ރާއްޖޭގެ އަށް ބޮޑީބޯޑަރުން ވާދަކުރާމެއެވެ. އެއީ ގައުމީ ޖޫނިއާ ޓީމުގެ ހަތަރު ބޮޑީބޯޑަރުންނާއި، ސީނިއާ ޓީމުގެ ހަތަރު ބޮޑީބޯޑަރުންނެވެ. މީގެ އިތުރުން މި މުބާރާތުގައި، ދުނިޔޭގެ ރޭންކިންގެ އެއްވަނަ އަންހެން އަދި ފިރިހެން ބޮޑީބޯޑަރުން ވާދަކުރާއިރު، ޖުމްލަ 12 ގައުމެއްގެ ބޮޑީބޯޑަރުން މި މުބާރާތުގައި ވާދަކުރާނެއެވެ.

މި މުބާރާތް ހުޅުވުމަށް ހުކުރު ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ސެކެޓްރީ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) ވިދާޅުވީ މި މުބާރާތް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި މި މުބާރާތާއެކު ރާއްޖެ ހުޅުވިގެން މިދަނީ "ސާފް ޓުއަރިޒަމް" ކަމަށްވެސް ވިދާޅުވިއެވެ.

ރަޝް ވިދާޅުވީ ފެނިގެން މިދަނީ އައިބީސީއާއެކު 2020 ވަނަ އަހަރުން ފެށިގެން ކުރެވުނު މަޝްވަރާގެ ނަތީޖާ ކަމަށާއި، ރާއްޖޭގެ ބޮޑީބޯޑަރުންނަށް މިއަދު އެ ބޮޑީބޯޑަރުންގެ ފެންވަރު ދައްކާލައި، ރޭންކިންގައި އެ ބޮޑީބޯޑަރުންގެ ނަން ފަވާލުމުގެ ފުރުސަތު މިހާރު ލިބިގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިބީސީގެ ސީއީއޯ އަދި އައިބީސީ ވޯލްޑް ޓުއާ މެނޭޖަރު ގްލެން ކުއެވޭސް ވިދާޅުވީ ރާއްޖެއިން މި މުބާރާތް ބޭއްވުމަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ރާއްޖެއިން ފެނިގެން މިދަނީ ކުޅިވަރުގެ ޑިވޮލޮޕްމަންޓަށް ވަރަށް ބޮޑަށް ވިސްނައިގެން ކުރިއަށްދާ މަންޒަރު ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެމެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުޙައްމަދު ވިދާޅުވީ ރާއްޖެއަކީ މިދިޔަ ދެ އަހަރުގެ ލީޑިން ޑެސްޓިނޭޝަން ކަމަށާއި، ރާއްޖޭގެ އަމާޒަކީ ރާޅާއެޅުމުގައިވެސް ލީޑިން ޑެސްޓިނޭޝަނަކަށްވުން ކަމަށެވެ.

ރާއްޖޭގައި ފެށި މޯލްޑިވްސް ޕްރޯގެ ޓައިޓަލް ސްޕޮންސަރު ކަމާއި ޑެސްޓިނޭޝަން ޕާޓްނަރަކީ ވިޒިޓް މޯލްޑިވްސްއެވެ. މި މުބާރާތުގެ އިނާމު ފައިސާގެ ގޮތުގައި 70،000 ޑޮލަރު ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ހަތަރު އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ޖޫނިއާ ޑިވިޝަން، އޯޕަން ބައިގެން އަންހެން އަދި ފިރިހެން ޑިވިޝަންގެ އިތުރުން ޑްރޮޕް ނީ ކެޓަގަރީއެވެ.