ޚަބަރު

އަލިފާނާ ނުކުޅުމަށް ގޮވައިލާ ޗައިނާގެ އިންޒާރު އެމެރިކާއަށް


ޓައިވާނުގެ މައްސަލައިގައި "އަލިފާނާ ނުކުޅުމަށް" ގޮވައިލާ، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް އިންޒާރު ދެއްވައިފިއެވެ. ޝީގެ އިންޒާރުތައް އައިސްފައި ވަނީ، އޭނާއާއި ބައިޑަންއާ ދެމެދު ބޭއްވި ފޯނު ކޯލެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ، ދެ ޤައުމުގެ އިސްވެރިން ފޯނުން މަޝްވަރާ ކުރައްވާފައިވާ ފަސްވަނަ ފަހަރެވެ.

"އަލިފާނާ ކުޅޭ މީހުން އަނދައި، ނެތިދާނީ ވެސް އެ އަލިފާނުގައި،" ދެ ގަޑިއިރަށް ދެމިގެން ދިޔަ ފޯނު ކޯލުގައި ވާހަކަފުޅު ދައްކަވަމުން ބައިޑަންގެ އަރިހުގައި ޝީ ވިދާޅުވި ކަމުގައި ޗައިނާގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލަކު ހާމަކުރެއްވިއެވެ. "އުންމީދަކީ، އެމެރިކާއިން މި ކަން ރަނގަޅު ނަޒަރިއްޔާތަކުން ދެކުން."

ޓައިވާނުގެ މައްސަލައިގައި ޗައިނާއިން އެމެރިކާއަށް އިންޒާރުދީފައި މި ވަނީ، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ނޭންސީ ޕެލޯސީ، ޓައިވާނަށް ދަތުރުފުޅެއް ކުރެއްވުމަށް ތައްޔާރުވަމުންދާ ކަމުގެ ވާހަކަތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، ޕެލޯސީގެ އޮފީހުން މި ކަން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ޓައިވާނުން މިނިވަން ކަން ހޯދުމަށް ކުރަމުންދާ މަސައްކަތާއި ޗައިނާއިން ދަނީ ދެކޮޅު ހަދަމުންނެވެ. އަދި، މި ކަމަށް އެހެން ޤައުމުތަކުން ނުފޫޒު ފޯރުވުމަކީ ވެސް ޗައިނާ ދެކޮޅު ކަމެކެވެ. މި ކަމާ ގުޅޭ ގޮތުން ޝީ ވިދާޅުވީ، ޗައިނާގެ "އެއް-ޗައިނާ" ސިޔާސަތަށް އެމެރިކާއިން އިޙުތިރާމު ކުރަން ވާނެ ކަމުގައެވެ.

މި ކަމާ ގުޅޭ ގޮތުން ބައިޑަން ވިދާޅުވީ، ޓައިވާނުގެ މައްސަލައިގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތު ބަދަލުކޮށްފައި ނުވާނެ ކަމުގައެވެ. އަދި، މިހާރު އޮތް ހާލަތު ބަދަލު ކުރުމަށް އެމެރިކާއިން ދެކޮޅު ކަމުގައެވެ. ޓައިވާނުގެ ސަރަޙައްދުގެ ސުލްޙަމަސަލަސް ކަމަށް ބުރޫއަރާނެ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށް އޭނާ ޝީއަށް ގޮވައިލެއްވިއެވެ.

މި ފޯނު ކޯލުގައި ޓައިވާންގެ ދިފާޢުގައި ބައިޑަން ވާހަކަފުޅު ދެއްކެވުމުން، އެ ޤައުމުން ވަނީ އޭނާއަށް ޝުކުރު އަދާކޮށްފައެވެ. އެމެރިކާއާ އެކު ސަލާމަތީ ގޮތުން ގުޅުން ބަދަހި ކުރުމަށް އިތުރަށް މަސައްކަތް ކުރާނެ ކަމުގައި ވެސް ޓައިވާނުގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.

ވައިޓް ހައުސްއިން ބުނީ، ބައިޑަންއާއި ޝީގެ ފޯނު ކޯލުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ފަހަކަށް އައިސް އިތުރުވެފައިވާ ނުތަނަވަސް ކަމަށް ކޮންމެ ވެސް ވަރެއްގެ ފިނި ކަމެއް ލިބިފައިވާ ކަމުގައެވެ. އަދި، އެކި ދާއިރާތަކުން ޗައިނާއާ އެކު މަޝްވަރާ ކުރުމުގައި އެމެރިކާއިން ދެމިއޮންނާނެ ކަމުގައި ވެސް ވައިޓް ހައުސްއިން ބުންޏެވެ. ޝީ ވެސް ވަނީ މަޝްވަރާތަކަށް ތާޢީދު ކުރައްވާ ކަން ހާމަ ކުރައްވާފައެވެ.

ޕެލޯސީ ޓައިވާނަށް ދަތުރުފުޅެއް ކުރެއްވުމަކީ، ޓައިވާނުގެ މިނިވަން ކަމަށް އެމެރިކާއިން ތާޢީދު ކުރާ މިންވަރު ހާމަކޮށްދޭނެ ކަމެއް ކަމުގައި ބެލެވެއެވެ. ނަމަވެސް، މިއީ މި ފަދަ ދަތުރުފުޅެއް ކުރެއްވުމަށް އެންމެ އެކަށީގެންވާ ދަނޑިވަޅު ނޫން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

މި ފޯނު ކޯލުގައި ބައިޑަން ވެސް ވަނީ ޗައިނާގެ ބައެއް ދާޚިލީ ކަންކަމާ މެދު ހިތްހަމަ ނުޖެހުން ފާޅު ކުރައްވާފައެވެ. މި ގޮތުން، ޗައިނާގައި ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި، ގަދަކަމުން މަސައްކަތް ކުރުވުން ފަދަ ކަންކަމާ މެދު އޭނާ ނުރުހުން ފާޅު ކުރައްވައި ވާހަކަފުޅު ދައްކަވާފައިވާ ކަމުގައި ވައިޓް ހައުސްގެ ތަރުޖަމާނު ކެރިން ޜޯން-ޕިއަރ ވިދާޅުވިއެވެ.