ސްޕެނިޝް ލީގުގެ ސެވިއްޔާއަށް ކުޅެމުން އައި ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ ބާސެލޯނާއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ކޫންޑޭ ގެންދިއުމަށް ބާސާއިން ވަނީ 50 މިލިޔަން ޔޫރޯގެ ފީއެއް ދެއްކުމަށް އެއްބަސްވެފައެވެ. ބާސާއިން ހާމަކުރާގޮތުގައި ދެ ކުލަބުގެ މެދުގައި އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، މިކަން ރަސްމި ވެގެންދާނީ އެ ކުލަބުގެ މެޑިކަލުން ކޫންޑޭ ފާސްވުމުންނެވެ.
ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް 11 މެޗު ކުޅެދީފައިވާ ކޫންޑޭ ގެންދިއުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީންވެސް ވަނީ މަސައްކަތް ކޮށްފައެވެ. 2019 ވަނަ އަހަރު ފްރެންޗް ލީގުގެ ބޯޑޯއިން ސެވިއްޔާއަށް ބަދަލުވި ފަހުން ކޫންޑޭ ވަނީ މިހާތަނަށް 133 މެޗު ކުޅެދީފައެވެ.
މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބާސާއިން ވަނީ އެ ކުލަބުގެ މާލީ ހާލަތު ގޯސްކަމުގައިވީ ނަމަވެސް، އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ މުހިންމު ކުޅުންތެރިންތަކެއްގެސޮއިކޮށްފައެވެ. އެގޮތުން ޕޯލަންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އާއި، ބްރެޒިލުގެ ރަފީނިއާ އާއި، އޭސީ މިލާނަށް ކުޅުނު ފްރޭންކް ކެސީގެ އިތުރުން ޑެންމާކުގެ އެންޑްރިއާސް ކްރިސްޓެންސެން ފާހަގަކޮށްލެވެއެވެ. އަދި އުސްމާން ޑެންބެލޭވެސް ވަނީ ބާސާގެ އެއްބަސްވުން އާކޮށްފައެވެ.