ޚަބަރު

"ދަ ގްރޭ މޭން" ގެ ސީކުއެލާއި ސްޕިން އޮފް ފިލްމަށްވެސް ރަޔަން ގޯސްލިންގް


މިމަހުގެ 15 ވަނަ ދުވަހު ނެޓްފިލްކްސް އިން ރިލީޒްކުރި "ދަ ގްރޭ މޭން" ގެ ސްޕިން އޮފް ފިލްމަކާއެކު ސީކުއެލެއްގެ މަސައްކަތް ކުރަމުންދާކަމަށް ނެޓްފްލިކްސް އިން ވަނީ އިއުލާނުކޮށްފިއެވެ.

"ދަ ގްރޭ މޭން" އަކީ އެމެރިކާގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މާކް ގްރީނީގެ އެންމެ ގިނައިން ވިކިފައިވާ ފޮތް ސީރީޒްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އެކްޝަން ތްރިލަރ ފިލްމެކެވެ. މި ފިލްމުގެ ސީކުއެލާއި، ސްޕިން އޮފް ފިލްމުގައިވެސް ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ، ސީ.އައި.އޭގެ ކުރީގެ އޮޕަރޭޓިވް ކޯޓް ޖެންޓްރީގެ ރޯލުން ރަޔަން ގޯސްލިން ފެންނާނެކަން ނެޓްފްލިކްސް އިން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ފިލްމު ޑައިރެކްޓުކުރަނީ ޑިއޯ ބްރަދާސް ޖޯ އާއި އެންތޮނީ ރުސޯއެވެ. އަދި މީގެ ސްކްރިޕްޓް ލިޔަނީ ކޯ ރައިޓަރު ސްޓެފަން މެކްފީލީއެވެ. ރުސޯ ބްރާދާސްއިން ބުނޮގޮތުގައި މީގެ އޮރިޖިނަލް ފިލްމައް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ސްޕިން އޮފް ގައި "ޑެޑްޕޫލްގެ" ސްކްރީން ރައިޓަރުން ކަމަށްވާ ޕޯލް ވާނިކް އާއި ރެޓް ރީސްވެސް މަސައްކަތް ކުރެއެވެ.

ރިޕޯޓްތައް ބުނާގޮތުން "ދަ ގްރޭ މޭން" އަކީ މިހާތަނަށް ނެޓްފްލިކްސް އިން އެންމެ ބޮޑު ބަޖެޓަކުން އުފެއްދި ފިލްމެވެ. އެގޮތުން މި ފިލްމަށް އެކަނިވެސް 200 މިލިއަން ޑޮލަރުގެ ބަޖެޓެއް ނެޓްފިލްކްސްއިން ހޭދަކޮށްފައިވެއެވެ. މިމަހުގެ 15 ވަނަ ދުވަހު ބައެއް ލިމިޓެޑް ސިނަމާތަކުގައި ފިލްމް ރިލީޒްކުރުމަށްފަހު، މިމަހުގެ 22 ވަނަ ދުވަހު ނެޓްފިލްކްސްއިން ފިލްމު ބަލާލެވޭގޮތް ވަނީ ހަދާފައެވެ.

މި ފިލްމުގައި ރަޔަން ގޯސްލިންގްގެ އިތުރުން، ކްރިސް އީވަންސް، އަނާ ދި އާމަސް، ރެގޭ ޖީން ޕޭޖް، ޖޫލިއާ ބަޓާސް، ޖެސިކާ ހެންވިކް އަދި ބިލީ ބޮބް ތޯޓަން ފެނިގެންދެއެވެ. މި ތަރިންގެ އިތުރުން، ބޮލީވުޑްގެ އެކްޓަރ ދަނުޝްވެސް މި ފިލްމުން ފެނިގެންދެއެވެ.

ރުސޯ ބްރަދާޒް އެންމެ ފަހުން ނެޓްފްލިކްސް އަށް ގެނެސްދިން ފިލްމަކީ އެ މީހުން ޕްރޮޑިއުސްކޮށް ސޭމް ހާގްރޭވް ޑައިރެކްޓްކުރި ކްރިސް ހެމްސްވޯތުގެ "އެކްސްޓްރެކްޝަން" އެވެ. އެ ފިލްމަކީވެސް އިންޑިއާގެ އެކްޓަރުންތަކެއް ހިމެނުނު ފިލްމެކެވެ. އޭގެ ތެރޭގައި ރަންދީޕް ހޫޑާ އާއި ޕަންކަޖް ތުރިޕަތީގެ އިތުރުން ޕްރިޔަންޝޫ ޕައިނުލީ ހިމެނެއެވެ.