ޚަބަރު

އިންޑިޔާއިން ޗައިނާއަށް ވަރުގަދަ އިންޒާރެއް ދީފި


އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، އިންޑިޔާގެ މަސްލަހަތު ހިމާޔަތް ކުރުމަށް އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް އެޅުމުގައި އެ ޤައުމުން ފަސް ނުޖެހޭނެ ކަމަށް އިންޑިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވެއްޖެއެވެ. ޗައިނާގެ ދިރާސާ ކުރާ އުޅަނދެއް ސްރީލަންކާގެ ބަނދަރަށް ދަތުރު ކުރަމުންދާ ދަނޑިވަޅެއްގައި ބަގްޗީ މި މޭރުމުން ވާހަކަފުޅު ދެއްކެވުން މިއީ ޗައިނާއަށް އިންޒާރު ދިނުމުގެ ގޮތުން ދައްކަވާފައިވާ ވާހަކަފުޅެއް ކަމުގައި ބެލެވެއެވެ.

ޔުއާން ވަންގް 5 ގެ ނަން ދީފައިވާ ޗައިނާގެ ދިރާސާ ކުރާ އުޅަނދެއް މިހާރު ދަނީ ސްރީލަންކާގެ ހަމްބަންޓޯޓާ ބަނދަރާ ދިމާލަށް ދަތުރު ކުރަމުންނެވެ. އޮގަސްޓު މަހުގެ 11 ވަނަ ދުވަހު ހަމްބަންޓޯޓާގައި ބަނދަރު ކުރުމަށްފަހު، އިންޑިޔާ ކަނޑު ހުޅަނގާއި އިރުމަތީގެ ބައެއް ސަރަޙައްދުގައި ދިރާސާތަކެއް އުޅަނދުން ހަދާނެ ކަމުގައި ސްރީލަންކާގެ ކުންފުންޏެއް ކަމުގައިވާ ބެލްޓް އެންޑް ރޯޑް އިނީޝިއެޓިވް ސްރީލަންކާއިން ބުނެފައިވެއެވެ.

ނަމަވެސް، ޗައިނާއިން ވެސް އަދި ސްރީލަންކާގެ ސަރުކާރުން ވެސް ރަސްމީ ސިފައެއްގައި މި އުޅަނދުގެ ދަތުރާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަން ހާމަކުރަން ބޭނުން ނުވާ ސްރީލަންކާ ސަރުކާރުގެ އޮފިޝަލަކު ވަނީ، މި އުޅަނދުގެ ދަތުރާ ގުޅިގެން އެ ޤައުމުގައި ތިއްބަވާ އިންޑިޔާގެ އޮފިޝަލުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަން ހާމަ ކުރައްވާފައެވެ.

ޗައިނާއިން ބިނާކޮށްދީފައިވާ 1.5 ބިލިޔަން ޑޮލަރުގެ ހަމްބަންޓޯޓާ ބަނދަރު އޮންނަނީ ސްރީލަންކާގެ ދެކުނުގައެވެ. އޭޝިޔާއާއި ވިލާތުގެ ޤައުމުތަކުގެ މެދުގައި މުދާ އުފުލާ އާގުބޯޓުތައް ދަތުރު ކުރަނީ ސްރީލަންކާގެ ދެކުނު ސަރަޙައްދުންނެވެ. އެހެންކަމުން، ހަމްބަންޓޯޓާ ބަނދަރަކީ، ދެ ބައްރުގެ ދެމެދުގައި ކުރާ ވިޔަފާރީގެ މުޢާމަލާތްތަކުގައި އިސް ދައުރެއް އަދާކުރާ ބަނދަރެކެވެ.

ބަނދަރު ތަރައްޤީ ކުރުމަށް ޗައިނާއިން ނެގި ދަރަނި ދެއްކުމަށް ނުކުޅެދުމުން ސްރީލަންކާއިން 2017 ވަނަ އަހަރު ވަނީ އެ ބަނދަރު ޗައިނާގެ ކުންފުންޏަކަށް 99 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޫކޮށްފައެވެ. އަދި، ޗައިނާއިން އެ ތަން އަސްކަރީ މަރުކަޒަކަށް ބަދަލުކޮށްފާނެ ކަމަށް އިންޑިޔާއާއި އެމެރިކާއިން ޤަބޫލު ކުރެއެވެ.