ޚަބަރު

ސޫރިޔާގައި ހިނގި ހަމަނުޖެހުންތަކެއްގައި 17 މީހުން މަރުވެއްޖެ


ސޫރިޔާގެ ސުވައިދާ ޕުރޮވިންސުގައި ހިނގި ހަމަނުޖެހުންތަކެއްގައި 17 މީހުން މަރުވެއްޖެއެވެ. މި ހަމަނުޖެހުންތައް ހިނގާފައި ވަނީ އެ ޕުރޮވިންސުގެ ޢާންމު ރައްޔިތުންނާއި އެ ތަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ގޭންގުތަކަކާ ދެމެދުގައެވެ. އެއީ، ސޫރިޔާގެ ސަރުކާރުގެ ސަލާމަތީ ބާރުތަކުން ވާގިވެރިވާ، އެ ފަރާތްތަކުން ހިންގާ ގޭންގުތަކެކެވެ.

ސޫރިޔާގެ އެހެން ޕުރޮވިންސުތަކާ ޚިލާފަށް އެ ޤައުމުގެ ސަރުކާރުން އަސްކަރީ ގޮތުންނާއި އިދާރީ ގޮތުން ސުވައިދާ ޕުރޮވިންސަށް ބާރު ފޯރުވާ މިންވަރު ކުޑައެވެ. އަދި، 2011 ވަނަ އަހަރު ފެށުނު އެ ޤައުމުގެ ދާޚިލީ ހަނގުރާމައިގައި ވެސް ސުވައިދާ ޕުރޮވިންސަށް މާ ބޮޑު އަސަރެއް ފޯރާފައެއް ނުވެއެވެ. ނަމަވެސް، ސަރުކާރުގެ ދޯހަޅި އިޤްތިޞާދީ ސިޔާސަތުތަކާ ދެކޮޅަށް އެ ޕުރޮވިންސުގެ ރައްޔިތުން ދޭތެރެދޭތެރެއިން މުޒާހަރާ ކުރެއެވެ.

ސުވައިދާގައި ހަމަނުޖެހުންތަކެއް ހިނގާފައި ވަނީ، އެ ތަނުގައި ހަރަކާތްތެރިވާ ގޭންގުތަކުން ހިންގާ އަމަލުތަކާ މެދު އެ ޕުރޮވިންސުގެ ރައްޔިތުންގެ މެދުގައި އޮތް ހިތްހަމަނުޖެހުން އިތުރުވުމާ ގުޅިގެންނެވެ. އެ ޕުރޮވިންސުގެ ރައްޔިތުން ހައްޔަރު ކުރުމާއި، މަގުތައް ބަންދުކޮށް އެއްގަމު އުޅަނދުފަހަރު ބަލައިފާސްކުރުމާއި، މީހުން ވަގަށް ނެގުމުގެ ހަރަކާތްތައް އެ ގޭންގުތަކުން އިތުރުކޮށްފައިވާ ކަމަށް އެ ޕުރޮވިންސުގެ ރައްޔިތުން ބުނެއެވެ.

މިކަމާ ދެކޮޅަށް އެ ޕުރޮވިންސުގެ ޢާންމު ރައްޔިތުން ވަނީ ތެދުވެ، ބައެއް މަގުތައް ބަންދުކޮށް، ގޭންގުތަކަށް ނިސްބަތްވާ މީހުން ހައްޔަރު ކުރަން ފަށާފައެވެ. އަދި، ހަމަނުޖެހުންތައް ފެށުނީ އެ ސަބަބާ ހުރެއެވެ. މި ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފައި ވާއިރު، ޢާންމުންގެ ގެދޮރާއި މުދަލަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ހަމަޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 17 އަށް އަރާއިރު، މީގެ ތެރޭގައި ހިމެނެނީ ޢާންމުންގެ ދެ މީހުންނެވެ. ބާކީ ތިބި އެންމެންނަކީ ވެސް ގޭންގުތަކަށް ނިސްބަތްވާ މީހުންނެވެ.