ޚަބަރު

ތެހެރާނުގައި ބިންގަނޑު ކަނޑައިގެންގޮސް ހަ މީހުން މަރުވެއްޖެ


އީރާނުގެ ވެރިރަށް ތެހެރާނަށް ބޯކޮށް ވާރޭވެހި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި ހަ މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި ގެއްލުނު ކަމަށް ބެލެވޭ އިތުރު 14 މީހަކު ހޯދުމުގެ މަސައްކަތް އޮފިޝަލުން ދަނީ ކުރަމުންނެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ތެހެރާނުގެ ގިނަ ސަރަޙައްދުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރެއެވެ. އަދި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ އިތުރު ހާދިސާތައް ހިނގާފާނެ ކަމަށް އެ އިދާރާއިން ވަނީ އިންޒާރު ކޮށްފައެވެ.

ތެހެރާނުގެ އިރުމަތީގައިވާ އަލްބުރްޒު ފަރުބަދަ ކައިރީގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާގައި ނުވަ މީހަކަށް އަނިޔާވި ކަމުގައި އެ ޤައުމުގެ ކުއްލި ހަލާތްތަކާ ބެހޭ އިދާރާއިން ބުންޏެވެ. އަދި، ފަރުބަދަމަތީ ހިސާބުތަކަށް ދަތުރު ނުކުރުމަށް ތެހެރާނުގެ ރައްޔިތުންނަށް އެ އިދާރާއިން ވަނީ އަންގާފައެވެ.

ތެހެރާނުގެ ގަވަރުނަރު މުޙުޞިން މަންޞޫރީ ވިދާޅުވީ ބިންގަނޑު ކަނޑައިގެން ދިޔުމާ ގުޅިގެން އެތައް ބަޔެއްގެ ފުރާނައަށް ނުރައްކާވީ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އިދާރާތަކުން ކޮށްފައިވާ އިންޒާރުތަކަށް ޢާންމު ރައްޔިތުން އިޙުތިރާމު ނުކުރުމުން ކަމުގައެވެ. ބޯކޮށް ވާރޭ ވެހުމާ ގުޅިގެން އީރާނުގެ 31 ޕުރޮވިންސުގެ ތެރެއިން 18 ޕުރޮވިންސެއްގައި ވަނީ ފެން ބޮޑުވެފައެވެ.