ޚަބަރު

ޔޫކްރެއިނުގެ ދެވަނައަށް އެންމެ ބޮޑު އިންޖީނުގެ ރަޝިޔާއިން ހިފައިފި


ޔޫކްރެއިނުގެ ދެވަނައަށް އެންމެ ބޮޑު އިންޖީނުގެ ހިފާފައިވާ ކަމަށް ރަޝިޔާއިން ބުނެފިއެވެ. އެ ޤައުމުގެ އިރުމަތީ ދޮންބެސް ސަރަޙައްދުގައިވާ ބޯޓު ދެލިން ހިންގާ ވޫލެހަރސްކް އިންޖީނުގެ ހިފާފައިވާ ކަމަށް ރަޝިޔާއިން އެއްބާރުލުންދޭ ހަނގުރާމަވެރިންގެ ޖަމާޢަތަކުން ބުނެފައި ވީ ނަމަވެސް، ޔޫކްރެއިން ސަރުކާރުން މި ކަން އަދި ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ވޫލެހަރސްކް އިންޖީނުގެ ރަޝިޔާގެ ފައުޖުތަކުން ހިފާފައި ވާނަމަ، މިއީ މި ހަނގުރާމައިގައި ފާއިތުވި ތިން ހަފުތާގެ ތެރޭގައި އެ ޤައުމަށް ލިބުނު ހަމައެކަނި ކުރިއެރުން ކަމަށް ވާނެއެވެ. ޖުލައި މަހުގެ ތެރޭގައި ދޮންބެސްގެ ރަށެއް ކަމުގައިވާ ލިސިޗެންކްސް ހިފި ފަހުން ރަޝިޔާގެ ސިފައިންނަށް މި ހަނގުރާމައިގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައެއް ނުވެއެވެ.

ރަޝިޔާގެ ޕްރައިވެޓް ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ވެގްނާ ގްރޫޕުން ވަނީ ވޫލެހަރސްކް އިންޖީނުގޭގެ ކައިރީގައި އެ ޖަމާޢަތުގެ ހަނގުރާމަވެރިން ހަރަކާތްތެރިވަމުންދާ މަންޒަރު ދައްކުވައިދޭ ވީޑިޔޯތަކެއް ޢާންމުކޮށްފައެވެ. އަދި، އިންޖީނުގޭގެ އެތެރޭގެ ވީޑިޔޯތައް ވެސް އެ ޖަމާޢަތުން ވަނީ ޢާންމު ކޮށްފައެވެ.

މި ކަމާ ގުޅޭ ގޮތުން ޔޫކްރެއިން ސަރުކާރުން ބުނެފައި ވަނީ، ވޫލެހަރސްކް ކައިރީގައިވާ ހިސާބުތަކުގައި ރަޝިޔާ ސިފައިންނާއި އެ ޤައުމުގެ ސިފައިންނާ ދެމެދު ވަރުގަދައަށް ހަނގުރާމަ ކުރަމުންދާ ކަމުގައެވެ. އެ އިންޖީނުގެ ހުންނަ ސަރަޙައްދުގައި ހަރަކާތްތެރިވާ ރަޝިޔާ ސިފައިން ކުރިއެރުންތަކެއް ހޯދަމުންދާ ކަމުގައި އިނގިރޭސި ވިލާތުގެ ޖާސޫސީ އިދާރާއިން ވެސް ބުނެފައިވެއެވެ.

ޔޫކްރެއިނުގެ ފައުޖުތަކުން ވެސް ދަނީ ރަޝިޔާގެ ސިފައިންގެ މައްޗަށް ކުރިއެރުންތަކެއް ހޯދަމުންނެވެ. މި ގޮތުން، ރަޝިޔާ ސިފައިން ހިފާފައިވާ ދެކުނުގެ ރަށެއް ކަމުގައިވާ ޚަރްސަންއަށް ދަތުރު ކުރެވެން އޮންނަ މައި ބްރިޖަށް ޔޫކްރެއިންގެ ފައުޖުތަކުން ވަނީ ވަރުގަދަ ހަމަލާތަކެއްދީފައެވެ. މި ހަމަލާތަކާ ގުޅިގެން އެ ބުރިޖު ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމުގައި، ޚަރްސަންއަށް ރަޝިޔާއިން ކަނޑައަޅާފައި ހުންނަ އިދާރީ މަންދޫބުގެ ނައިބު ކިރިލް ސްޓްރެމޫސޮފް ވިދާޅުވިއެވެ.