ޚަބަރު

ދިރާސީ އަހަރާއެކު ކަރެކްޝަންގެ ބެލުމުގެދަށުގައި ތިބި ކުޑަކުދިންނަށް ކިޔަވައިދޭން ފަށަނީ

އެކި ކުށްތަކުގައި ކަރެކްޝަންގެ ބެލުމުގެ ދަށަށް ގެންދާ ކުދިން ތަޢުލީމުން މަހުރޫމުވިޔަ ނުދިނުމަށް، އައްސޭރި ޖަލުގައި އެކުދިންނަށް ކިޔަވައިދެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މި މަސައްކަތަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބަންދުގައި ތިބޭ ކުޑަކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރެވުނު މަސައްކަތެކެވެ.

މި އިންތިޒާމްތައް ހަމަޖައްސާފައިވަނީ ހިންމަފުށީގައި ހުންނަ ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައެވެ. އެގޮތުން މިކަމަށް ޚާއްސަކޮށް 20 ދަރިވަރުންގެ ޖާގައިގެ ކްލާސްރޫމެއް ވަނީ ހަދާފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު ވިދާޅުވީ އަންނަ މަހުގެ 7 ވަނަ ދުވަހު ފަށާ ދިރާސީ އަހަރާއެކު، އެ ސެންޓަރުގައި ތިބި ކުދިންނަށްވެސް އާއްމު އުސޫލުން ތަޢުލީމު ދިނުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

ޖުލައި 6 ވަނަ ދުވަހު ހެދި އެއްބަސްވުމުގެ ދަށުން ކުދިންނަށް ކިޔަވައިދޭނީ އެ ދަރިވަރަކު ބަންދުގައި ހުރި ކަސްޓޯޑިއަލް ހުންނަ ރަށެއްގެ ސްކޫލެއް މެދުވެރިކޮށެވެ.

އެމްއޯޔޫގެ ދަށުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މައްޗަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުޑަކުދިން ބަހައްޓާ މަރުކަޒަށް ގެނެވޭތާ 1 މަސް ދުވަސް ތެރޭގައި އެމްސީއެސްގެ އެހީގައި އެ މަރުކަޒު ހުރި ރަށުގެ ސްކޫލްގެ މުދައްރިސުން މެދުވެރިކޮށް އެ ކުއްޖާގެ ތަޢުލީމީ ފެންވަރު ބެލުމަށް އެކަޑެމިކް އެސެސްމަންޓް ހެދުމާއި ރިޕޯޓް ތައްޔާރުކުރުން ހިމެނެއެވެ. އަދި އެ ކުއްޖާގެ ފެންވަރުގެ މައްޗަށް ބިނާކޮށް އިންޑިވިޖުއަލް ލަރނިންގ ޕްލޭން ތައްޔާރުކުރުމާއި އެ ކުއްޖާ ބަންދުގައި ހުންނަ މުއްދަތުގައި ކިޔެވުން ކުރިއަށް ގެންދާނެ ޕްލޭނެއް ތައްޔާރުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

އެމްސީއެސްގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް ޢިނާޔަތްދިނުމާއި ކުދިން ކްލާސްތަކަށް ހާޒިރުކޮށްދިނުމާއި ކިޔެވުމަށް ބޭނުންވާ ތަކެތި ހޯދުމާއި މުދައްރިސުންގެ ސެކިއުރިޓީ ބެލެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ.

ކުށްކުރާ ކުޑަކުދިންނަށް ޤާނޫނުން ލިބިދޭ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން އެމްސީއެސްއިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އެ ކުދިން ބޭތިއްބުމަށް އެމްސީއެސްއިން ވަނީ 30 ޖަނަވަރީ 2022 ގައި އައްސޭރި ޖަލުގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރއެއް ހުޅުވާފައެވެ. އެކި ކުށްތަކުގައި މިވަގުތުވެސް ކަރެކްޝަންގެ ބެލުމުގެދަށުގައި ގިނަ ކުދިންތަކެއް އެބަތިއްބެވެ.