ޚަބަރު

އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވިއްސާރަކުރާނެ : މެޓް އޮފީސް


ކުރިއަށް އޮތް އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރިނަމަވެސް މިމަހުގެ 26، 27 އަދި 28 ވަނަ ދުވަހު މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް މޫސުން ރަނގަޅުވާނެކަމަށެވެ. އެހެންނަމަވެސް އޯގަސްޓް މަސް ފެށިގެންދާއިރު އަނެއްކާވެސް މޫސުން ގޯސްވާނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ވިއްސާރަކުރާނެކަމަށެވެ. އެގޮތުން މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރުމާއެކު އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް އެ އިދާރާއިން ބުނެއެވެ. އެހެންނަމަވެސް ޖުމްލަގޮތެއްގައި މިއަދު މޫސުން ރަނގަޅުވާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އެހެންނަމަވެސް ވިލާގަނޑުގެ ވައި ނެތްކަމަށް އެ އޮފީހުން ބުނެއެވެ. ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު އުތުރާއި މެދުރާއްޖެތެރެ އަދި ދެކުނުގެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ. އެހެންނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.

މީގެ އިތުރުން މެޓް އޮފީހުން ވިދާޅުވީ، މާދަމާ ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި މޫސުން ރަނގަޅުވާނެކަމަށާއި އެހެންނަމަވެސް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ކޮންމެސް ވަރަކަށް ވިއްސާރަކުރާނެކަމަށެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް އަދި ކަނޑުތައްވެސް ގަދަ ދުވަސްވަރަކަށް ވުމާއެކު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ފުލުހުން ވިދާޅުވީ، މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށްވުމުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމާއި، ރަށްރަށަށް ދަތުރުދިއުން ފަދަ ކަންކަން އިތުރުވާނެތީ، ދަތުރަކަށް ފެށުމުގެ ކުރިން ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން މުހިއްމުކަމަށެވެ.

އެގޮތުން، އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު، އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯއާއި، އެތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަޤީންކުރުމަށް ފުލުހުން އިލްތިމާސްކުރައްވާފައިވެއެވެ. އަދި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށްވެސް އިލްތިމާސްކުރައްވާފައިވެއެވެ.

ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އުޅަނދުތައް ބަލައި ފާސްކުރުމާއި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ފުލުހުން ސިލްސިލާކޮށް ކުރިއަށް ގެންދެއެވެ. އެހެންނަމަވެސް ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އުޅަނދު ދުއްވާ ފަރާތްތަކުންވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެއްކަން ފުލުހުން ފާހަގަކުރައްވައެވެ.