ޚަބަރު

ހުއްދައާ ޚިލާފަށް ކޯސް ހިންގާނަމަ ފިޔަވަޅު އަޅާނަން - އެމްކިއުއޭ

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރާ ހުއްދައާ ޚިލާފައި ކޯސްތައް ހިންގާ ކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށާ، އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެކަމަށް އެއޮތޯރީން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮޓޯރިޓީއަކީ ރާއްޖޭގައި ހިންގާ ކޯސްތައް، ޤައުމީ ސަނަދުގެ މިންގަނޑުތަކަށް ލެވެލްކުރުމާއި، މިފަދަ ކޯސްތައް ރާއްޖޭގައި ހިންގުމުގެ ހުއްދަދޭ ފަރާތެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮޓޯރިޓީ (އެމްކިއުއޭ)އިން ވިދާޅުވީ އެއޮތޯރިޓީން ހުއްދަ ދެއްވާފައިވާ މިންގަނޑުތަކާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދާ ޚިލާފަށް، މަތީ ތަޢުލީމުދޭ ބައެއް މަރުކަޒުތަކުން ޢަމަލު ކުރަމުންދާކަމަށް އާންމު ފަރާތްތަކުން އޮތޯރިޓީއަށް ޝަކުވާ ހުށަހަޅަމުންދާކަމަށެވެ. މިފަދަ ޝަކުވާތަކުގެ ތެރޭގައި، އޮންލައިންކޮށް ހިންގުމަށް އެމްކިއުއޭއިން ހުއްދަ ނުދޭ ކޯސްތައް އޮންލައިންކޮށް ހިންގާކަމަށް ބައެއް ފަރާތްތަކުން އިސްތިހާރު ކުރަމުންދާ މައްސަލަތަކެއް ހުށައަޅާފައިވާކަމަށްވެސް އެއޮތޯރިޓީން ވިދާޅުވެއެވެ.

މިއީ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދާ ޚިލާފު ޢަމަލެކެވެ.

މިގޮތަށް ފާހަގަވާ މައްސަލަތައް އިތުރަށް ބަލައި ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނާއި، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވައިދާ އެއްގޮތަށް ފިޔަވަޅު އަޅާނެކަމަށް އެމްކިއުއޭއިން ވިދާޅުވެއެވެ.