ޚަބަރު

އިނގިރޭސިވިލާތުން ފައިމަގުގައި ޙައްޖަށް ދިޔަ މީހާގެ ވާހަކަ


އިނގިރޭސިވިލާތުގެ ރައްޔިތަކު ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް އެ ޤައުމުން ފުރައިގެން މައްކާއަށް ފައިމަގުގައި ދަތުރުކޮށްފިއެވެ.

އިރާޤުގެ ކުރުދީ ދަރިކޮޅަށް ނިސްބަތްވާ 52 އަހަރުގެ އާދަމް މުޙައްމަދު ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ފުރާފައިވަނީ އިނގިރޭސިވިލާތުގައި އޭނާ ދިރިއުޅޭ ވުލްވަރހެމްޕްޓަނުންނެވެ. އެ ރަށުން ފުރައިގެން މައްކާއަށް ދަތުރު ކުރުމަށް އޭނާވަނީ ފައިމަގުގައި 6,500 ކިލޯމީޓަރުގެ ދުރު ރާސްތާއެއް ކަޑައްތުކޮށްފައެވެ.

އޭނާގެ މި ދަތުރުގައި ސަޢޫދީ ޢަރަބިއްޔާއާ ހަމައަށް ދެވުނީ ނެދަލެންޑްސް، ޖަރުމަނުވިލާތް، އޮސްޓްރިޔާ، ހަންގެރީ، ސަރބިޔާ، ބަލްގޭރިޔާ، ތުރުކީވިލާތް، އަދި ލުބުނާނުގެ އިތުރުން ޢުރުދުން ހުރަސްކޮށްފައެވެ. މި ދަތުރަށް 10 މަހާއި 25 ދުވަސް ހޭދަވިއެވެ. އޭނާގެ ދަތުރު ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ފުރަތަމަ ދުވަހުއެވެ.

މި ދަތުރުގައި އޭނާ ވަނީ ދުވާލެއްގެ މައްޗަށް އެވުރެޖުކޮށް 17.8 ކިލޯމީޓަރުގެ ސަރަޙައްދެއް ހިނގާފައެވެ. އަދި، އޭނާ ދަތުރުކޮށްފައި ވަނީ އަމިއްލަ ހަދާފައިވާ ގާޑިޔަލެއް ވެސް ދަމަމުންނެވެ. އެ ގާޑިޔަލުގައި ހަރުކޮށްފައިވާ ސްޕީކަރުތަކުން އޭނާ ދިޔައީ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް ޖަހަމުންނެވެ. މުޙައްމަދު ބުނީ، އޭނާގެ މި ދަތުރުގެ ބޭނުމަކީ ޞުލްޙައަށް އިސްލާމް ދީނުގައި އޮތް ލޯބި މުޅި ދުނިޔެއަށް ހާމަކޮށްދިނުމެވެ.

”މިއީ އެއްވެސް ހާލެއްގައި މަޝްހޫރު ކަން ހޯދަން ކުރި ދަތުރެއް ނޫން. އަހަރެންގެ މަޤްޞަދަކީ ހުރިހާ އިންސާނުންނަކީ ވެސް ހަމަހަމަ ބަޔެއް ކަން ހާމަކޮށްދިނުން. ކޮންމެ ކުލަޔަކަށް، ނުވަތަ ދީނަކަށް، ނުވަތަ ނަސްލަކަށް ނިސްބަތްވި ނަމަވެސް ހުރިހާ އިންސާނުންނަކީ ވެސް ހަމަހަމަ ބަޔެއް،“ އޭނާ ބުންޏެވެ. އަދި، އިސްލާމް ދީނަކީ އެއްބައިވަންތަކަމުގެ ދީން ކަން މުޅި ދުނިޔެއަށް ހާމަކޮށްދިނުމަކީ އޭނާގެ އަނެއް މަޤުޞަދު ކަމުގައި ވެސް އޭނާ ބުންޏެވެ.

އޭނާ ވަނީ މި ދަތުރުގެ މަޢުލޫމާތު މަޝްހޫރު ސޯޝަލް މީޑިޔާ ޕްލެޓްފޯމެއް ކަމުގައިވާ ޓިކްޓޮކް މެދުވެރިކޮށް ހިއްސާކޮށްފައެވެ. އަދި، މި ދަތުރާ ގުޅިގެން އޭނާގެ ޓިކްޓޮކް ޕޭޖް ފޮލޯކޮށްފައިވާ މީހުންގެ އަދަދު ބައި މިލިޔަނަށް ވުރެ މައްޗަށް އެރިއެވެ. ސަޢޫދީ ޢަރަބިއްޔާގެ މިނާއިން އޭނާއަށް ހޫނު މަރުޙަބާއެއް ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގެ މީޑިޔާއާ ބެހޭ ވުޒާރާ ހިންގުމާ ހަވާލުވެ ހުންނެވި މާޖިދު ބިން ޢަބްދުالله އަލްކަސަބީއެވެ.