ޚަބަރު

ބައިޑަން ކޮވިޑަށް ޕޮޒިޓިވް، ހާލުކޮޅު ރަނގަޅު


އެމެރިކާގެ ރައީސް ޖޯ ބައިޑަން ކޮވިޑް-19އަށް ޕޮޒިޓިވްވެ، ވައިޓް ހައުސްގައި އެކަހެރިވެއްޖެއެވެ. އުމުރުން 79 އަހަރުގެ ބައިޑަން ވަނީ ވެކްސިންގެ ހުރިހާ ޑޯޒެއްގެ އިތުރުން، ބޫސްޓަރގެ ދެ ޑޯޒު ވެސް ފުރިހަމަ ކުރައްވާފައެވެ. އޭނާގެ ހާލުކޮޅު ރަނގަޅު ކަމަށް ވައިޓް ހައުސްއިން ބުނެއެވެ.

ބައިޑަންގެ ފަރާތުން ކޮވިޑްގެ ބޮޑެތި ޢަލާމާތްތަކެއް ފެންނަމުން ނުދާ ކަމަށާއި، އޭނާ ރައީސް ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތައް ފުރުއްވަމުން ގެންދަވާ ކަމުގައި ވައިޓް ހައުސްގެ ތަރުޖަމާނު ކެރިން ޜޯން-ޕިޔަރ ވިދާޅުވިއެވެ. އަދި، ޒޫމް ފަދަ ވަސީލަތްތައް ބޭނުން ކުރައްވައިގެން ބައިޑަން ރަސްމީ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވާ ކަމުގައި ވެސް ޜޯން-ޕިޔަރ ވިދާޅުވިއެވެ.
ހާލުކޮޅު ރަނގަޅު ކަމަށާއި، އަވަދިނެތި މަސައްކަތުގައި ޝާމިލުވެ ވަޑައިގެން އުޅުއްވާ ކަމުގައި ބައިޑަން ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އޭނާ ވަރުބަލިވެ ވަޑައިގަންނަވާ ކަމުގެ ޝަކުވާ ކުރައްވާފައިވާ ކަމަށާއި، ރޯގާގެ އަލާމަތްތައް ފެންނަ ކަމުގައި ވައިޓް ހައުސްގެ ކޮވިޑާ ގުޅޭ އިސް ކޯޑިނޭޓަރ ޑރ އަޝީޝް ޖާ ވިދާޅުވިއެވެ.

ބައިޑަން ގެންދަވަނީ އެންޓިވައިރަލް ބޭހެއް ކަމުގައިވާ ޕެކްސްލޮވިޑް ވެސް ބޭނުން ކުރައްވަމުންނެވެ. އޭނާގެ އަނބިކަނބަލުން ޑރ ޖިލް ބައިޑަންއަށް ކޮވިޑް ޖެހިފައެއް ނުވެއެވެ. ވިދާޅުވީ ކޮވިޑް ޓެސްޓު ނެގެޓިވް ކަމުގައެވެ. ބައިޑަންއަކީ އެމެރިކާގެ ރައީސް ކަމުގެ މަޤާމު ފުރުއްވާ އެންމެ އުމުރުން ދުވަސްވީ ބޭފުޅާއެވެ.