ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގެ ބޮޑީބޯޑިން ވޯލްޑް ޓުއާގެ އެއް ލެގު ކަމަށްވާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ގެ ބައެއް ޕާޓްނަރުން އިއުލާނުކޮށްފިއެވެ.
މި މަހުގެ 29 ވަނަ ދުވަހު މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ފަށާ މި މުބާރާތް ކުރިޔަށްދާނީ އަންނަ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ. ރާއްޖޭގެ ބޮޑީބޯޑަރުންގެ އިތުރުން ދުނިޔޭގެ ބައެއް ޗެމްޕިއަނުންވެސް މި މުބާރާތުގައި ވާދަކުރާނެއެވެ.
މުބާރާތުގެ ބައެއް ޕާޓްނަރުން އިއުލާނުކޮށްފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ އޮފީހުގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެގޮތުން ޕާޓްނަރުން އިއުލާނުކޮށްދެއްވީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) އެވެ.
މޯލްޑިވްސް ޕްރޯގެ ޓައިޓަލް ސްޕޮންސަރު ކަމާއި ޑެސްޓިނޭޝަން ޕާޓްނަރަކީ ވިޒިޓް މޯލްޑިވްސްއެވެ. އެކޮމަޑޭޝަން ޕާޓްނަރަކަށް މަރުކަބް ޕްލާޒާ ހަމަޖެއްސިއިރު، އިވެންޓް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސްއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ދިރާގެވެ.
ކޭޓަރިން ޕާޓްނަރަކަށް މޫޗަސް ގްރާސިއަސް ހަމަޖެއްސިއިރު ޕްރިންޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖެއްސީ ޕްރިންޓް ލެބެވެ. އަދި ސަންކެއާ ޕާޓްނަރަކީ މުލަ މޯލްޑިވްސްއެވެ. އަދި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖެއްސީ އަދަދެވެ.
މީގެއިތުރުން ސަޕޯޓިން ޕާޓްނަރުގެ ގޮތުގައި ހިމެނެނީ މިއުޒިޝަން ޔޫނިއަން އޮފް މޯލްޑިވްސް، މާފުށި ވޯޓާ ސްޕޯޓްސް، އެކްސްޓްރީމް ފިޓްނަސް، ސްޓެލްކޯ، މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މިމަހުގެ 27 ވަނަ ދުވަހު ހަމަވާއިރު، މިހާތަނަށް ދުނިޔޭގެ 13 ގައުމެއްގެ އެތުލީޓުން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. މިއީ ދެކުނު އޭޝިއާ ސަރަހައްދުގައި ބާއްވާ ބައިނަލްއަގުވާމީ މިފަދަ ފުރަތަމަ މުބާރާތެވެ.