ޚަބަރު

އިނގިރޭސިވިލާތުގައި ފިނިހޫނުމިން 40 ޑިގްރީން މައްޗަށް


އިނގިރޭސި ވިލާތުގައި ފިނިހޫނުމިން 40.3 ޑިގްރީ ސެލްސިއެސްއަށް މައްޗަށް ގޮސް، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ފިނިހޫނުމިން މިހާ މަތީ މިންވަރެއްގައި ރެކޯޑު ކުރެވުނު ފުރަތަމަ ފަހަރެވެ. ފިނިހޫނުމިން 40 ޑިގްރީއަށްވުރެ މައްޗަށް އަރާފައި ވަނީ އިންގްލެންޑުގެ މެދުތެރޭގައިވާ ކޮނިންގްސްބީ ކިޔާ ރަށެއްގައެވެ. އަދި، އެހެން ސަރަޙައްދުތަކުގައި ފިނިހޫނުމިން ވަނީ 38.7 ޑިގްރީއަށް މައްޗަށް އަރާފައެވެ.

ގަދަ ހޫނާއެކު އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގައި ގަސް ހެދިފައިވާ ބައެއް ތަންތަނުގައި ވަނީ ރޯވެފައެވެ. އެ ސަރަޙައްދުތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވައިލުމަށް އަލިފާން ނިއްވާ މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އެ ޤައުމުގެ އަލިފާން ނިއްވާ މީހުން މިހާ ބުރަކޮށް މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުންދާ ޓީމުތަކަށް ލަންޑަނުގެ މޭޔަރު ޞާދިޤު ޚާން ވަނީ ތަޢުރީފު ކުރައްވާފައެވެ. އެހީއަށް އެދި ދުވާލެއްގެ މައްޗަށް ޢާންމުކޮށް 350 ކޯލު ލިބޭ އަލިފާން ނިއްވާ ޓީމުތަކަށް އަންގާރަ ދުވަހު އެކަނި ވެސް 2,600 އަށްވުރެ ގިނަ ކޯލު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ލަންޑަނުގައި ގަދަ ހޫނުގެ ސަބަބުން ޞިއްޙީ ޚިދުމަތަށް އެދި 400 އަށް ވުރެ ގިނަ މީހުން އެމްބިޔުލާންސްގެ ޚިދުމަތަށް އެދި ގުޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގަދަ ހޫނާއެކު އެ ޤައުމުގެ ރޭލު ދަތުރުފަތުރުގެ ނިޒާމަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި، ރޭލު ދަގަނޑުތަކަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމަށް އިންޖިނޭރުން ދަނީ މަސައްކަތް ކުރަމުންނެވެ. ގެއްލުންތަކާ އެކު، ގިނަ ސަރަޙައްދުތަކެއްގައި ރޭލު ދަތުރުތައް މެދުކެނޑުނެވެ.

މީގެ އިތުރުން، ބައެއް އެއަރޕޯޓުތަކުގައި ވައިގެ ދަތުރުތައް ވެސް ވަގުތީ ގޮތުން މެދުކަނޑައިލަން ޖެހުނެވެ. މި ގޮތުން ދެ އެއަރޕޯޓެއްގެ ރަންވޭއަށް ގެއްލުންވި ކަމަށް އެ ޤައުމުން ބުނެއެވެ. އަދި، ކަރަންޓުގެ ޚިދުމަތްދޭ ބައެއް ކުންފުނިތަކުގެ ސާމާނަށް ގެއްލުންވެ، ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ވެސް ކެނޑުނެވެ. ގަދަ ހޫނާއެކު އިނގިރޭސި ވިލާތުގެ ގިނަ ސަރަޙައްދުތަކެއްގައި ސްކޫލްތައް ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.