ވިޔަފާރި

އެމްއެމްޕީއާރުސީން، އެމެރިކާގައި ރާއްޖެ އިސްތިހާރުކުރަނީ


އެމެރިކާ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް ސިންގަޕޯރ އެއަރލައިންސްއާއެކު މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ކެމްޕެއިނެއް ފަށައިފިއެވެ. މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 5 ޖުލައިން ފެށިގެން އޯގަސްޓް މަހާ ހަމައަށެވެ.

ސިންގަޕޯރ އެއަރލައިންއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އެއަރލައިނެވެ. މި އެއަރލައިނުން ދުނިޔޭގެ 32 ޤައުމެއްގެ 62 އެއަރޕޯޓަކަށް އޮޕަރޭޓުކުރެއެވެ. އެސްއައިއޭއިން ދަނީ ލޮސް އެންޖަލިސް އިންޓަރނޭޝަނަލް އެއަރޕޯޓާއި ސެންފްރެންސިސްކޯ އިންޓަރނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފްލައިޓްތައް އޮޕަރޭޓްކުރަމުންނެވެ. ރާއްޖެއަށް އަންނަ ފްލައިޓްތަކުގެ %13 ހިއްސާކުރަނީ އެސްއައިއޭ މެދުވެރިކޮށް މި 2 އެއަރޕޯޓުން ވީއައިއޭއަށް އަންނަ ފްލައިޓްތަކުންނެވެ. މިއީ ރާއްޖެއަށް 4ވަނަ އަށް އެންމެ ގިނައިން ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިންވެސްމެއެވެ.

އެސްއައިއޭއާ ގުޅިގެން އެމްއެމްޕީއާރުސީން ހިންގާ މި ކެމްޕެއިންގެ ދަށުން އޮންލައިން އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖެއަށް އެމެރިކާއިން އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަސައްކަތް ކުރާނެއެވެ. އެސްއައިއޭ މެދުވެރިކޮށް ރާއްޖެއަށް އެމެރިކާއިން ފަތުރުވެރިން ބުކިން ހަދާ މިންވަރު އިތުރުކޮށް، މި މާކެޓުން އަންނަ ފަތުރުވެރިން އިތުރު ކުރުމައްޓަކާ ސިންގަޕޯރ އެއަރލައިންސް މެދުވެރިކޮށް ރާއްޖެއަށް ދަތުރުކުރެވޭ އަގުތަކާއި، ޕެކޭޖުތައް އިޝްތިހާރުކުރާނެއެވެ.

މި ކެމްޕެއިންގެ ތެރެއިން އޮންލައިންކޮށް ޓިކެޓް، އެކޮމޮޑޭޝަން އަދި ފަތުރުވެރިކަމުގެ އެކި ޕެކޭޖުތައް އިޝްތިހާރުކޮށް، ވިއްކުމުގައި އެހީތެރިވާ އެކްސްޕީޑިއާ، ސްކައިސްކޭނަރ އަދި ޕިންޓްރެސްޓް ބޭނުންކުރާނެއެވެ. މިގޮތުން، ރާއްޖޭގެ އިޝްތިހާރުތައް މި ޕްލެޓްފޯމްތަކުގައި ދައްކާ އިޝްތިހާރުތައް މެދުވެރިކޮށް ރާއްޖެއަށް ދަތުރުކުރުމަށް އެސްއައިއޭގެ ޓިކެޓް ހިޔާރުކުރުމަށް އެމެރިކާ މާކެޓުގެ ފަތުރުވެރިންނަށް ބާރު އެޅުމުގެ ގޮތުން ރާއްޖޭގެ މައުލޫމާތާއި، އަގުތަކާއި، އެހެން މައުލޫމާތު ޕްރޮމޯޓްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި އަހަރު މިހާތަނަށް، އެމެރިކާއަކީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކޮށްފައިވާ މާކެޓެވެ. މިގޮތުން ޖުލައި މަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާއިން ރާއްޖެއަށް 41،943 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިމުއްދަތުގައި ރާއްޖެއަށް ދަތުރުކުރި ފަތުރުވެރިންގެ އަދަދަށް ބަލާނަމަ %4.8 ހިއްސާއެވެ.