ޚަބަރު

މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވާނެ - މެޓް


ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފިއެވެ. އެލަރޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން މ.އަތޮޅުގެ ރަށްތަކަށެވެ.

އެލަރޓް ނެރެފައިވަނީ ފަތިހު 05:45 އިން ފެށިގެން 11:45އަށެވެ. މިގަޑިތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށް މުސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ވައި ގަދަވާނެތީ އެކަމަށް ސަމާލްވުމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އާއްމުގޮތެއްގައި ވައިގެ ބާރުމިން އުޅޭނީ 19މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 7 ފޫޓާ ދެމެދުގައެވެ. މެޓް އޮފީހުންވަނީ ވިއްސާރަވެ ފެން ބޮޑުވެދާނެ ކަމަށާއި، އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލްވުމަށް އިލްތިމާސްކޮށްފައެވެ.

މިދިޔަ އާދިއްތަ ދުވަހުވެސް ރާއްޖެއަށް ކުރި ވިއްސާރައިގައި މާލޭގައި ފެން ބޮޑުވެފައިވެއެވެ. ފެން ހިންދާފައިވަނީ އެމްއެންޑީއެފްގެ އެހީތެރިކަމާއެކުއެވެ.