ކުޅިވަރު

އިޓަލީ ބަލިކޮށް ބެލްޖިއަމް ކުއާޓާއަށް


ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ގްރޫޕް ޑީގައި އިޓަލީ ބަލިކޮށް ބެލްޖިއަމް ކުއާޓާ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

އިޓަލީގެ މައްޗަށް ބެލްޖިއަމުން ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިޓަލީ ޓީމުންނެވެ. އެކަމަކު ބެލްޖިއަމްގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް އިޓަލީގެ ކުޅުންތެރިންނަކަށް ނުވިއެވެ.

މިމެޗްގައި ބެލްޖިއަމްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 49 ވަނަ މިނެޓްގައި ޖަހާދިނީ ޓައިން ޑި ކެއިގްނީއެވެ. މިލަނޑު ޖެހިތާ މާގިނައިރު ތަކެއް ނުވެ އިޓަލީވިލާތުގެ ކްރިސްޓިއާނާ ގިރެއްލީ ފޮނުވާލި ހަމަލާއެއްވަނީ ބެލްޖިއަމްގެ ގޯލް ދަނޑިއަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް އިޓަލީއަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވުމުން އެޓީމަށް ޖެހުނީ މުބާރާތަށް އަލްވަދާއު ކިޔާށެވެ.

މިކާމިޔާބީއާއެކު ބެލްޖިއަމްއަށް ވަނީ އައިސްލެންޑް ފަހަތަށް ޖައްސާލާ ގްރޫޕްގެ ދެވަނަ މަގާމް ހާސިލް ކޮށްފައެވެ. އަދި ކްއާޓާ ފައިނަލްގައި ބެލްޖިއަމް ބައްދަލުކުރާނީ ގްރޫޕް ސީ ގެ އެއްވަނަ ޓީމް ކަމަށްވާ ސްވިޑެންއާއެވެ.