ކުޅިވަރު

އިބްރަހިމޮވިޗް މިލާނުގައި އިތުރު އެއް އަހަރު މަޑުކުރަނީ


އިޓާލިއަން ލީގުގެ ޗެމްޕިއަން އޭސީ މިލާނަށް ކުޅެމުން އަންނަ ސްވިޑެންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް، އެކް ކުލަބުގައި އިތުރު އެއް އަހަރު މަޑުކުރަން ނިންމައި އެއްބަސްވުން އާކޮށްފިއެވެ.

އުމުރުން 40 އަހަރުގެ އިބްރަހިމޮވިޗް މިއެއްބަސްވުން ހަމަވާއިރު ހުންނާނީ އުމުރުން 41 އަހަރު ވެފައެވެ.

އިބްރަހިމޮވިޗް ވަނީ މިދިޔަ ސީޒަނަގައި އަނިޔާގެ ގިނަ މައްސަލަ ތަކަކާއެކުވެސް މިލާނަށް އަށް ލަނޑު ޖަހާދީފައެވެ. އޭނާވަނީ މެއި މަހު ކުރި ކަކުލުގެ އޮޕަރޭޝަނަކަށްފަހު އަރާމު ކުރަމުންނެވެ. އަދި އަށް މަސް ވަންދެން ކުޅުމާއި ދުރުގައި ހުންނަންޖެހޭނެކަމަށް ވެއެވެ.

މިދިޔަ ސީޒަން ނިމުމައެކު އިބްރަހިމޮވިޗް ވަނީ އޭނާގެ ކަކުލަށް ތަދުވާތީ ހަމަ ނިދި ނުލިބޭތާ ހަމަސްވެފައިވާކަމަށް ބުނެފައެވެ. މިދިޔަ ސީޒަންގެ ކުރިން މިލާނުން އިޓާލިއަން ލީގުގެ ތަށި އެންމެ ފަހުން ހޯދި އިރު ކަމަށްވާ 2011 ވަނަ އަހަރުވެސް އިބްރަހިމޮވިޗް ހުރީ މިލާންގައެވެ. ނަމަވެސް އެސީޒަނަށްފަހު އިބްރަހިމޮވިޗް ވަނީ ޕެރިސް ސެއިންޓް ޖަރމެއިންއަށް ބަދަލުވެފައެވެ.

ސްވިޑްން ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ އިބްރަހިމޮވިޗް އަކީ ޔޫރަޕްގެ ބޮޑު ލީގަކަށް ކުޅޭ އުމުރުން 40 އަހަރު ވެފައިވާ ހަމައެކަނި އައުޓްފީލްޑް ކުޅުންތެރިޔާއެއް ނޫނެވެ. ސްޕެނިޝް ލީގުގެ ރެއާލް ބެޓިސްގެ ކެޕްޓަން ހޯކިމްއަށް މިމަހުގެ 21 ވަނަ ދުވަހު 41 އަހަރު ފުރޭއިރު އޭނާވެސް ވަނީ އެކްލަބްގައި އިތުރު އެއްއަހަރު މަޑުކުރަން ނިންމާ އެއްބަސްވުން އާކޮށްފައެވެ. ނަމަވެސް އިބްރަހިމޮވިޗްގެ އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އާދެވޭނީ ކޮންއިރަކުންކަމެއް ސީދާ ބުނަން ނޭނގޭކަމަށް ވެއެވެ.