ޚަބަރު

ރައީސްގެ އަނބިކަނބަލުން، "ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް" އިފްތިތާޙް ކޮށްދެއްވައިފި


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، "އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް" އިފްތިތާޙް ކޮށްދެއްވައިފިއެވެ.

އެކަމަނާ މިކޮންފަރެންސް އިފްތިތާޙްކޮށްދެއްވާފައި ވަނީ މިއަދު ހެނދުނު ބަނޑޮސް މޯލްޑިވްސްގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަނާއި، އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސް ގުޅިގެން ބަނޑޮސް މޯލްޑިވްސްގައި ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ ތީމަކީ "މޫވިންގް ފްރޮމް ސައިލޯސް ޓު ސައިނަރޖީ" އެވެ.

މި ކޮންފަރެންސްގައި ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެން ޞިއްޙީ ދާއިރާގައި ބޭނުންކުރާ ބެސްޓް ޕްރެކްޓިސްއާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޞިއްޙީ ދާއިރާގައި ބޭނުންކުރަން އެންމެ ރަނގަޅު ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ފުރުޞަތު ފަހިކޮށްދިނުމެވެ.