ޚަބަރު

ކުޑަގިރީގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް!


ދަތުރު ދިއުމަށް ޚާއްސަ ރަށެއްގެގޮތުގައި މާލެ ސަރަޙައްދުގައި ތަރައްޤީކުރާ ކުޑަގިރީގެ މަސައްކަތްތައް މިމަހުގެތެރޭގައި ނިންމައި އާންމުންނަށް ހުޅުވާލުމުގެ މަސައްކަތް ބާރު ދުވެލީގައި އަންނަނީ ކުރަމުންނެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ޢާއްމުން ދަތުރުދާނެ ރަށެއް މިސަރަޙައްދުގައި ނެތުމާއިއެކު މި ރަށް ތަރައްޤީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.

މި ވައުދުފުޅާ އެއްގޮތަށް ރަށެއް ރަތައްޤީކުރުމަށް ކުރިއަށްދާ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ ސަރުކާރުގެ 5 ކުންފުންޏެއް ގުޅިގެންނެވެ. އެކުންފުނިތަކަކީ އެޗް.ޑީ.ސީ، ފެނަކަ، އެމް.ޓީ.ސީ.ސީ، ސްޓެލްކޯ، އެމް.ޑަބްލިއު.އެސް.ސީއެވެ.

ކުޑަގިރި ތަރައްޤީ ކުރުމުގެ މާސްޓަރ ޕްލޭން ތައްޔާރުކޮށްފައިވަނީ ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އިންނެވެ. މި މާސްޓަރ ޕްލޭންގެ ދަށުން ރަށަށް ދަތުރުދާ އާއިލާތަކުން ބޭނުންކުރުމަށްޓަކައި ހަޓުތައް ހެދުމާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންކުރެވޭގޮތަށް ފާޚަނާ ހެދުމާއި ރަށް ފެހިކުރުމުގެ ގޮތުން ރަށުގެ އެތެރެއާއި ހޭޅިފަށުގައި ގަސް އިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކުޑަގިރީގައި ކަރަންޓާއި ފެނުގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތްތައްވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަންނަނީ ކުރަމުންނެވެ. އެގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ރަށުގައި ކަރަންޓުގެ ޚިދުމަތްދީ މިހާރުވަނީ އެ މަސައްކަތް ނިންމާލާފައެވެ. ކަރަންޓުގެ ނެޓްވޯކް ޤާއިމްކުރުމަށްޓަކައި 3000 މީޓަރުގެ ކޭބަލް ވަޅުލައި ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށް ހަދަންޖެހޭ ހުރިހާ ކަނެކްޝަނެއް ހަދައި މިހާރު ވަނީ ނިންމާފައެވެ. ރަށަށް ދަތުރު އަންނަ މީހުންނަށް ޚާއްސަކޮށްގެން ކެފޭއެއް ހެދުމުގެ މަސައްކަތްވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

ކުޑަގިރީގައި ހަދާ އިންޖީނުގޭގެ މަސައްކަތް ކުރަނީ ފެނަކައިންނެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ފެނަކައިގެ މެނޭޖިންގ ޑައިރެކްޓަރ އަހްމަދު ސައީދު މުހައްމަދު ވިދާޅުވީ ފެނަކައިން ކުޑަގިރީގައި ތަރައްޤީ ކުރަމުން އަންނަ އިންޖީނުގޭގެ މަސައްކަތް މިހާރު ނިމުމަކާހަމައަށް އައިސްފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދެ ތިން ދުވަހުގެތެރޭގައި އިންޖީނުގޭގެ މަސައްކަތް ނިންމޭނެކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމުމަކާހަމައަށް އައިސްފައިވާކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ވިދާޅުވިއެވެ. އެ ކުންފުނިން ވިދާޅުވީ ހޮޅި ވަޅުލުމުގެ މަސައްކަތް މުޅިން ނިމިފައިވާކަމަށެވެ.

މާލެއިން ފުރައިގެން ލޯންޗުގައި ގާތްގަނޑަކަށް 15 މިނެޓުން ދެވޭހާ ދުރުމިނުގައި އޮތް ކުޑަގިރި ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށް، މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މި މަޝްރޫޢުގައި ހިމެނެނީ 8 ހެކްޓަރުގެ ރަށާއި، 1.5 ހެކްޓަރުގެ ފިނޮޅެއް ތަރައްޤީކުރުމެވެ. މިހާރު ބިން ހިއްކައި ނިމި، ރަށުގައި ކުރަންޖެހޭ ތަރައްޤީގެ މަސައްކަތް ވަނީ ނިމުމަކާ ގާތްވެފައެވެ. އެމްޓީސީސީން އަންނަނީ މިތަނުގެ މުވައްޒަފުން ތިބޭ އިމާރާތް ހެދުމުގެ އިތުރުން ރިސެޕްޝަން އޭރިޔާއަކާއި މިސްކިތުގެ މަސައްކަތްވެސް ކުރަމުންނެވެ.

މާލެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ދަތުރުދިއުމަށް އެންމެ ކުރީއްސުރެ ބޭނުން ކުރަމުން އައިސްފައި ވަނީ ކ.ކުޑަ ބަނޑޮހެވެ. ނަމަވެސް އެރަށުގައި ރިސޯޓެއް ހެދުމަށް 2013 ވަނަ އަހަރުވަނީ ބަޔަަކަށް ދީފައެވެ. ކުޑަބަނޑޮހަށް ދަތުރުދިއުން ޢާއްމުންނަށް ބަންދުވުމާއެކު މާލޭގައި ދިރިއުޅޭ މީހުން ހިތްހަމަ ޖައްސާލައި ދަތުރުދިޔުމަށް އޮތް ހަމައެކަނި ފުރުސަތު ވަނީ ބަންދުވެފައެވެ.

އެހެންނަމަވެސް މިހާރު ތަރައްޤީ ކުރަމުން އަންނަ ކުޑަގިރިއާއެކު މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ހިތްހަމަޖައްސާލުމަށް ދަތުރުދާނެ ރަށެއް ނެތުމުގެ ޝަކުވާއަށް ނިމުމެއް އަންނާނެއެވެ. ކުޑަގިރީގެ މަސައްކަތް ނިމިގެންދާއިރު، އާއިލާއާއެކު ދަތުރުގޮސްލާ، ހިތްހަމަޖައްސާލުމަށް ހިތްގައިމު މަންޒިލަކަށް މިތަން ވެގެންދާނެއެވެ.